ބޭރު ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެކަމަށް އެމްއެމްއޭއިން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބޭރު ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެކަމަށް އެމްއެމްއޭއިން ބުނެފި

ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ލާޒިމުކޮށްފައިވާ އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އިލްތިޒާމު އަދާނުކުރާ ފަރާތްތަކުގެ ނަންތައް އާންމުކޮށް ހާމަކުރާނެ ކަމުގެ އިންޒާރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެޒެޓްކޮށް އަމަލުކުރަން ފެށި އިސްލާހުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަންޖެހެއެވެ.

އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާރުކުރަން ޖެހޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑި ހަމަވާއިރު ވެސް ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ އިލްތިޒާމު ފުރިހަމަނުކުރާ ފަރާތްތަކުގެ މައުލޫމާތު، އުސޫލާ އެއްގޮތަށް އާންމުކޮށް ހާމަކުރަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.

ގެނެވުނު ބަދަލާ ގުޅިގެން ފައިސާ މާރުކުރުމުގެ މުއްދަތަށް ވެސް ވަނީ މުހިންމު ބަދަލެއް ގެނެވިފައެވެ. ކުރިން އަމަލުކުރަމުން އައި ގޮތުން ނަމަ ސުންގަޑިއަކީ އެ މަހަކަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހެވެ. ނަމަވެސް އާ ބަދަލާއެކު، ޚިދުމަތްދޭ މަސް ނިމި، އެ މަހަށް ފަހު ހިނގާ ފުރަތަމަ މަހުގެ 28 ގެ ކުރިން ފައިސާ މާރުކޮށް ނިންމަން ޖެހޭނެއެވެ.

މިއަދު އޮންލައިން