ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާޙަކީ، ޓެކްސްގެ މުޅި ނިޒާމަށް އާންމުންގެ އިތުބާރު އަލުން ހޯދުމަށް ކޮންމެހެން މުހިންމު ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދެއްކެވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ޓެކުހަށް މަކަރު ހެދުމާއި ޤާނޫނުގައި ހުރި ލޫޕްހޯލްތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ޓެކުހުން ރެކުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ގެއްލެމުންދެއެވެ. އަދި ޤާނޫނު މިހާރު އޮތް ގޮތުން ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތައް ހައްލުކޮށް، އިންބައުންޑް ޓޫރިޒަމަށް ހުރި ހުރަސްތައް ނައްތާލުމަށް މި ބިލުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބިލު މަޖިލީހަށް ހުށަހެޅުއްވި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވިދާޅުވިއެވެ.
ބަހުސްގައި ވާހަކަދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ވިދާޅުވީ، ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާޙުތަކަކީ ޓެކްސްގެ ނިޒާމުގައި ހުރި ފޫނުބެދޭ ކަންކަން ފުރިހަމަކޮށްދީ، ނިޒާމީ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދޭނެ ބަދަލުތަކެއް ކަމަށެވެ.
ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވަނީ މި ވަގުތަށް މިފަދަ ހަރުދަނާ ބަދަލުތަކެއް ޤާނޫނަށް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް މަކަރު ހެދުމުގެ ފުރުސަތު ދީގެން ސަރުކާރުން ނޯންނާނެ ކަމަށްވެސް އެ މެންބަރުން ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ބިލާ ދެކޮޅަށް ބަހުސްގައި ވާހަކަދެއްކެވި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިދިކޮޅު މެންބަރުން ވިދާޅުވީ، ޓެކްސް ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ މި ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ސީދާ ގޮތެއްގައި ލިބޭނެ މާބޮޑު މަންފާއެއް ނެތް ކަމަށެވެ.