ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް ރިވިއުކޮށް ނިންމައި، ކޮންމެ ފަރާތަކަށްވެސް ލިބުނު ޕޮއިންޓް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ވިލުފުށީގެ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ އެއްގޮތަށް ހުރިހާ ފޯމުތަކެއްވެސް ވެރިފައިކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ޚާއްސަ ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށް، ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން، ލިބިފައިވާ ޕޮއިންޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ނުވަތަ އިތުރު މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަވެސް އެ ޕޯޓަލް މެދުވެރިކޮށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ޔުނިޓުތަކަށް އެދުމުގެ ފުރުޞަތު މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، 200 އަށްވުރެ ގިނަ ފަރާތުން މި މަޝްރޫޢަށް ކުރިމަތިލާފައިވެއެވެ. ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ފޯމުތައް ރިވިއުކޮށްފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ރަށުން ހޮވާލެވޭ ޓީމެއް ހިމެނޭހެން އެކަމަށް ޚާއްސަކޮށް އެކުލަވާލި ކޮމިޓީއަކުންނެވެ.
1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ވިލުފުށީގައި މި 100 ހައުސިންގ ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. ނަމަވެސް، ކޯޓު މަރުޙަލާތަކަކާ ގުޅިގެން 5 އަހަރު ދުވަހުގެ ދިގު ހުއްޓުމަކަށްފަހު، އެ މަސައްކަތް އަލުން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ރޯހައުސްތަކުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.