ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ދިވެހިރާއްޖޭގައި ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ރައްޔިތެއް ކަމަށްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ރަސެލް މިއާ އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މި ދެ މީހުން އަތުލައިގަނެވިފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް އާންމުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ސައްހަ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއާ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

މިފަދަ ގަވާއިދާ ހިލާފު އަމަލުތަކުގެ މައުލޫމާތު ހިއްސާކުރައްވަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން، މި ނަންބަރަށް އާދައިގެ އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ފޮނުވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން