ބީއެމްއެލްގެ މިއަހަރުގެ ސްޓާޓަޕް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބީއެމްއެލްގެ މިއަހަރުގެ ސްޓާޓަޕް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ "ބީއެމްއެލް ސްޓާޓަޕް ގްރާންޓް" އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު އަލުން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ މިހާރު ހިންގަމުންދާ ވިޔަފާރިއެއް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި 2022 ވަނަ އަހަރުން ފެށިގެން އެ ބޭންކުން ހިންގަމުން އަންނަ ހާއްސަ ޕްރޮގްރާމެކެވެ.

މި އަހަރުގެ ޕްރޮގްރާމުގެ ދަށުން ހޮވޭ ދެ ފަރާތަކުން ކުރެ ކޮންމެ ފަރާތަކަށް، އަލަށް ވިޔަފާރި ފެށުމަށް ނުވަތަ އިތުރަށް ވިޔަފާރި ފުޅާކުރުމަށް 500،000 (ފަސް ލައްކަ) ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އެ ވިޔަފާރިތައް ކާމިޔާބުކަމާއެކު ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުގެ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓަރޝިޕް ސަޕޯޓްވެސް ބީއެމްއެލްއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ގްރާންޓަށް އާންމު ފަރުދުންނަށާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް ކުރިމަތިލެވޭނެއެވެ. ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއެކު، އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގިދާނެ ފަދަ ވިޔަފާރި ޕްލޭނެއް އޮތުން ހިމެނެއެވެ.

ބީއެމްއެލްއިން ވިދާޅުވީ، ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 10 ނޮވެންބަރު ވާ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި ފުރުސަތަކީ ރާއްޖޭގެ ވިޔަފާރިވެރިން އުފައްދައި، އިގުތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުންގެންދާ ވަރަށް މުހިންމު އެއްބާރުލުމެކެވެ.

މިއަދު އޮންލައިން