ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު އައު މެންބަރުން އައްޔަނުކޮށްފިއެވެ.
ޕީސީބީން ބޯޑަށް ބަދަލުތައް ގެނެސްފައިވާ ތިން ކުންފުންޏަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އިތުރުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނެވެ.
އެ ގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު، މ. އަހުލިހަ، މުހައްމަދު އަރީޝެވެ.
މީގެއިތުރުން، ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ބޯޑަށް އައްޔަނުކުރައްވާފައިވަނީ ގ. މާޅިކަ، އަހްމަދު އިމްދާހް މުހައްމަދެވެ. އަދި އަލަށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ބޯޑަށް އައްޔަނުކުރައްވާފައިވަނީ ގދ. ތިނަދޫ، ޕެންޒީމާގެ، އިސްމާއީލް ފަރުހާދު އަހްމަދެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތަކުގެ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން ޕީސީބީން އަންނަނީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކަށް އެކަށޭނަ ބޭފުޅުން އައްޔަނުކުރަމުންނެވެ.