"އީފާސް"އާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ބާއްވަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 28ސ
"އީފާސް"އާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ބާއްވަން ނިންމައިފި

ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ "އީފާސް" އާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ބާއްވަން ނިންމައިފިއެވެ.

މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9ވަނަ ދުވަހު ކުޑަހުވަދޫ މަލްޓި ޕާރޕަސް ބިލްޑިންގގެ ލައިބްރަރީ ހޯލްގައެވެ.

މިއީ ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވޯލްޑްބޭންކްގެ އެހީގެ ދަށުން ހިންގަމުންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިފަހަރުގެ ޕްރޮގްރާމު އަމާޒުކޮށްފައިވަނީ ފ. އަދި ދ.އަތޮޅުގެ ރަށްތަކަށެވެ.

އީފާސްއަކީ ސަރުކާރުގެ އެކި މުއައްސަސާތަކުން ދޭ ޑިޖިޓަލް ޚިދުމަތްތަކާއި، ޓާޝަރީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކާއި، އާސަންދަ، ޕެންޝަން، ބޭންކު އަދި އެހެނިހެން މާލީ ޚިދުމަތްތަކަށް އޮންލައިންކޮށް އެކްސެސް ވުމަށް ބޭނުންކުރާ ގައުމީ ޑިޖިޓަލް އައިޑީގެ ނިޒާމެވެ.

މިނިޒާމަކީ އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ގުޅިފައިވާ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީއެވެ.

މިގޮތުން، ފ އަދި ދ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ކައުންސިލްތަކުގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން އިންތިހާބު ކުރެވިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރަކާއި، ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ސަރުކާރުގެ މުއައްސަސާތަކާއި، އޮންލައިން ޚިދުމަތް ދިނުމަށް އީފާސް ބޭނުންކުރާ ވިޔަފާރިތަކާއި، އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

ޑީމެޑް ޕްރޮޖެކްޓުން މައުލޫމާތު ދިންގޮތުގައި، މި ވޯކްޝޮޕްގެ މަޤްސަދަކީ ޑިޖިޓަލް އައިޑެންޓިޓީއެއް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ޑިޖިޓަލް ސްޕޭސްގައި އައިޑެންޓިޓީ ރައްކާތެރިކުރުމާއި ބެހޭގޮތުން އީފާސް ބޭނުންކުރާ ފަރާތްތައް ހޭލުންތެރިކުރުމެވެ.

މީގެ އިތުރުން އީފާސް އާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި، އީފާސް ބޭނުންކުރުމުގައި އާންމުކޮށް ދިމާވާ މައްސަލަތަކާއި، އެކަންކަމަށް އީފާސް ތެރޭގައި ޤާއިމްކޮށްފައިވާ ހައްލުތައް ބުނެދީ، ރަށުފެންވަރުގައި އީފާސްގެ މައުލޫމާތު ފޯރުކޮށްދެވޭނެ ފަރުދުންތަކެއް އުފެއްދުމެވެ.

މި މަސައްކަތު ބައްދަލުވުމުގެ އިތުރުން ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ހުންނަ މެހެމާން ސަރާގައި، އީފާސްގެ މޯބައިލް ހެލްޕްޑެސްކެއް ޤާއިމްކޮށް އީފާސް އެކައުންޓް ލޮކްވުމާއި، ފޯނު ނަންބަރު ނުވަތަ އީމެއިލް ބަދަލުވުން ފަދަ އާންމުކޮށް ދިމާވާ މައްސަލަތައް ވަގުތުން ހައްލުކޮށްދެވޭނެއެވެ.

މި ހިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު އީފާސް އެކައުންޓްގެ ވެރިފަރާތުން އެފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ހިފައިގެން އައުމުން، އީފާސް ބޭނުންކުރުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދިނުމުގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ.

މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ތައްޔާރުކޮށް ބަލަހައްޓަމުންދާ އީފާސް ނިޒާމަކީ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު ނިޒާމަކަށްވާތީ، އެއްވެސް ފަރުދަކަށް އީފާސް އެކައުންޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދެނީ އެކައުންޓްގެ ވެރިފަރާތް ކަށަވަރުކުރުމަށްފަހުގައެވެ.

ޑީމެޑް ޕްރޮޖެކްޓް އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން އަތޮޅު ދަތުރުގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ވަނީ ކާމިޔާބުކަމާއިއެކު މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ހިންގާފައެވެ.

މިގޮތުން ހދ އަތޮޅުގެ ސަރުކާރުގެ މުވައްސަސާތަކަށް އަމާޒުކޮށް ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި 20 މުވައްސަސާއަކުން 44 ފަރާތެއް ބައިވެރިވިއެވެ.

އަދި ހަވީރު ބޭއްވި ހަރަކާތުގައި އާންމުންނަށް އީފާސްގެ މައުލޫމާތު ފޯރުކޮށްދީ އީފާސް ބޭނުން ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދީފައިވެއެވެ.

މި ހަރަކާތުގައި، ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ވަނީ ހެލްޕްޑެސްކްއަށް ވަޑައިގެންނެވި ބޭފުޅުންގެ މެދުގައި ލަކީ ޑްރޯއެއްވެސް ބާއްވާފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން