ގޭބިސީތަކުގައި ކާބޯތަކެތި އުފައްދައިގެން ވިއްކާ ފަރާތްތައް އަންނަ މަހު އިންސްޕެކްޓް ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ގޭބިސީތަކުގައި ކާބޯތަކެތި އުފައްދައިގެން ވިއްކާ ފަރާތްތައް އަންނަ މަހު އިންސްޕެކްޓް ކުރަނީ

އަމިއްލަ ދިރިއުޅުމަށްޓަކައި އަދި ވިޔަފާރި އުސޫލުން ގޭބިސީތަކުގައި ކާބޯތަކެތި އުފައްދައިގެން ވިއްކާ ފަރާތްތައް އަންނަ މަހުގެ ތެރޭގައި އިންސްޕެކްޓް ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

އެ އޮތޯރިޓީން ވިދާޅުވި ގޮތުގައި މި ޚާއްޞަ ސަރވައިލެންސް އިންސްޕެކްޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކޮށް ބަންދުކުރާ ގެތަކަށާއި އާއިލީ ވިޔަފާރިތަކަށް އެމްއެފްޑީއޭގެ އިންސްޕެކްޓަރުން ޒިޔާރަތްކޮށް ހާލަތު ބަލާނެއެވެ. މި އިންސްޕެކްޝަންގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތި އުފައްދައި ވިއްކުމުގައި ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އެފަރާތްތަކުން ޢަމަލުކުރާ މިންވަރު ދެނެގަތުމެވެ.

ގޭބިސީތަކުގައި ކާބޯތަކެތި ތައްޔާރުކޮށް ބަންދުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު ކަންތައްތަކެއް އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކާބޯތަކެތި ބަންދުކުރަންވާނީ ޚާއްޞަކޮށްފައިވާ ފުޑް ގްރޭޑެޑް މެޓީރިއަލްސްގައި ކަމަށާއި، ކާބޯތަކެތި އެޅުމަށް ޚާއްޞަކޮށްފައި ނުވާ ކަންވާރުތަކާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕޮލިއިތެލިން ޓެރެފްތަލޭޓް (ޕެޓް) ފުޅިފަދަ ތަކެތީގައި ކާބޯތަކެތި ބަންދުކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބަޔާންކުރެއެވެ.

ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ އުސޫލެއް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އެކުލަވާލާފައެވެ.

މީގެ އިތުރުން، މީހުން ދިރިއުޅޭ ތަންތަނުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ތަންތަނާއި، ވަގުތީ ގޮތުން ޤާއިމުކުރާ މާރުކޭޓުތަކާއި ގާޑިޔާތައްފަދަ ތަންތަން ރަޖިސްޓަރީކުރުން ލާޒިމު ނޫން ނަމަވެސް، އެފަދަ ތަންތަނުންވެސް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރަންވާނީ އެމްއެފްޑީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.

މިއަދު އޮންލައިން