ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް، ޚިދުމަތުގެ މުއްދަތުގައި ވީހާވެސް ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ދިރިއުޅެވޭނެ ގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢަކީ ސިފައިންނާއި އެ މީހުންގެ ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަހަރުގެ ސިފައިންގެ ދުވަހު އިޢުލާންކުރައްވާފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ވިދާޅުވީ، ސިފައިންނަކީ ޙާލަތާއި ވަގުތާއި ތަނަށް ރިޢާޔަތްކޮށް ޢާއިލާއާ ދުރުގައި ރެއާއިދުވާލު ޤައުމީ ޚިދުމަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވާތީ، އެ ފަރާތްތަކަށް ދެވޭ ޢިނާޔަތްތަކާއި ވެލްފެއަރގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އެހެންކަމުން ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފް ގުޅިގެން މި މަޝްރޫޢު ބާރަށް ކުރިއަށް ގެންދަމުން އަންނަ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށް ޓަކައި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ބަނޑޭރިކޮށި 1 ތަރައްޤީކުރުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ދަނީ ވަމުންނެވެ. މި ވަގުތު ކުރިއަށްދަނީ ބަނޑޭރިކޮށި 1 ގެ އެޕާޓްމަންޓްތައް ހުސްކުރުމުގެ ކުރިން އެ ތަނުގައި ދިރިއުޅޭ މީހުންނާ މަޝްރޫޢުގެ މަޢުލޫމާތު ޙިއްޞާކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި ޙައްލުތައް ހޯދައިދިނުމުގެ މަސައްކަތެވެ.
މި ޕްލޭނުގެ ދަށުން، ބަނޑޭރިކޮށި 1 ގެ މަސައްކަތް ނިމުމުން އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތައް އަލަށް ޢިމާރާތްކުރެވޭ އެޕާޓްމަންޓްތަކަށް ބަދަލުކުރެވޭނެއެވެ. އަދި މުޅި މަޝްރޫޢު އެއްކޮށް ނިމުމުން، މިހާރު ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.