ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ މުއްދަތު ތިން މަސްދުވަހަށް އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ މުއްދަތު ތިން މަސްދުވަހަށް އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދުތަކާ އެއްގޮތަށް، ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމަށް ދީފައިވާ މުއްދަތު، އިތުރު ތިން މަސްދުވަހަށް އިތުރުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ.

މިކަން އެ ކޮމިޝަނުން ހާމަކޮށްފައިވަނީ ދާދިފަހުން ނެރުނު ރަސްމީ އިޢުލާނެއްގައެވެ.

އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 7 ވަނަ ބާބަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާފައިވާ ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ އެންމެހައި ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް ކުރިން ދީފައިވަނީ 6 މަސްދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާން އޮތީ 28 އޮކްޓޫބަރު 2026 އަށެވެ.

ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ރެކޯޑުތައް އަދާހަމަކުރުމުގައި މީޑިއާތަކަށް ދަތިތަކެއް ހުރެދާނެ ކަމަށް ބަލައި، އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން މުއްދަތު އިތުރުކުރަން ނިންމީ ކަމަށް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. މި ބަދަލާއެކު، ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ 28 ޖެނުއަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ކަމުގައި އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. މިގޮތަށް މުއްދަތު އިތުރުކުރުމުން މީޑިއާ އިދާރާތަކަށް ރަޖިސްޓަރީތައް އަދާހަމަކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މީޑިއާ

މިއަދު އޮންލައިން