ހުޅުމާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައިފާސްކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެއްވެސް ހުއްދައެއް ނެތި ކާބޯތަކެތި ވިއްކަމުންދިޔަ 4 ތަނެއް ބަންދުކޮށްފިއެވެ.
އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ތަންތަން ހިންގާތޯ ބެލުމަށާއި، ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށެވެ. އެގޮތުން، މިދިޔަ އޮކްޓޯބަރު 26 ވަނަ ދުވަހު ހިންގި މި އިންސްޕެކްޝަނުގައި ޖުމްލަ 26 ތަނެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 4 ތަނެއް ވަނީ ވަގުތުން ބަންދުކޮށްފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އާންމުންގެ ސިއްހަތަށް ރައްކާތެރި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިފަދަ ޚާއްޞަ އިންސްޕެކްޝަންތައް ކުރިއަށް އޮތް ތަނުގައިވެސް މެދުނުކެނޑި ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން، އަމިއްލަ ދިރިއުޅުމަށްޓަކައި ގޭބިސީތަކުގައި ކާބޯތަކެތި އުފައްދައިގެން ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެންވެސް ޚާއްޞަ ސަރވައިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އެގޮތުން އަންނަ ނޮވެމްބަރު މަހުގެ 5 އިން 20 އަށް އެމްއެފްޑީއޭގެ އިންސްޕެކްޓަރުން ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް ޒިޔާރަތްކޮށް، ކަނޑައެޅިފައިވާ ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރާ މިންވަރު ވަޒަންކުރަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.