މި ވޭތުވެދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކާއެކު، ރައްޔިތުންނަށް އެދެވޭ ގޮތުގައި ޚިދުމަތް ދެވޭ ވަރުގެ ވަރުގަދަ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު ޤާއިމުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި އެކުވެރިކަމުގެ ހިންގާލުން ނިންމަވާލެއްވުމަށްފަހު، ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި މުހިންމު ތާރީޚުގެ ހަނދާންތައް އައު ކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، އެ ދުވަހު މި ޚިދުމަތް ފެށިގެން އައީ ވަރަށް މަދު އަދަދެއްގެ ފުލުހުންނާއެކުގައެވެ. ނަމަވެސް މިއަދު ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރާއިރު އެ މަންޒަރު މުޅިން ބަދަލުވެފައިވާކަން މިއަދުގެ ހިންގާލުމުގައި ބައިވެރިވި ފުލުހުންގެ އަދަދުންވެސް ވަރަށް ސާފުކޮށް އެނގިގެންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާ މިހާ ހިސާބަށް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ފުލުހުންގެ ޚިދުމަތް ވަނީ ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްޤީކުރެވިފައި ކަމަށެވެ. އަދި ކުރިއަށް އޮތް މުސްތަޤުބަލުގައިވެސް މި ޚިދުމަތް އިތުރަށް ޒަމާނީކޮށް، ތަރައްޤީކުރެވިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވިއެވެ. "މި ފުރުސަތުގައި އަޅުގަނޑު ދިވެހި ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކޮށްދެއްވި ހުރިހާ ބޭފުޅުން ޝާމިލްވާ ގޮތަށް ޝުކުރު އަދާކުރަން. ވަކިން ހާއްސަކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލުހުންގެ ޚިދުމަތަށް ސަރުކާރުގެ ތެރެއިން މިކޮށްދެއްވާ މުހިންމު މަސައްކަތްޕުޅަށްޓަކައި އަޅުގަނޑު އެމަނިކުފާނަށް ދިވެހި ހުރިހާ ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރަން."
މި ހިންގާލުމުގައި ފުލުހުންގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ އޮފިސަރުން ވަނީ އެކުވެރިކަމާއެކު ބައިވެރިވެފައެވެ. ސަރުކާރުން މިހާރުވެސް ދަނީ ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށާއި، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.