ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 1000 އަށްވުރެ ގިނަ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރިޕޯޓްކުރެވުނު ކުށުގެ މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު އޮގަސްޓު މަހު ޖުމްލަ 1091 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން، މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ 31.3 އިންސައްތައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އޮގަސްޓް މަހު ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި ހިމެެނެނީ މަސްތުވާތަކެތި: 341 މައްސަލަ، ވައްކަން: 257 މައްސަލަ. ޓްރެފިކް އެކްސިޑެންޓް: 210 މައްސަލަ، އެއްޗެހި ގެއްލިގެން: 88 މައްސަލަ މުދަލަށް ގެއްލުން ދިނުން: 65 މައްސަލަ، މާރާމާރީ: 42 މައްސަލަ، ޖިންސީ ކުށް: 27 މައްސަލަ، ގެވެށި އަނިޔާ: 24 މައްސަލަ، ޚިޔާނާތް: 17 މައްސަލަ، ފޯޖް ކުރުން (ލިޔެކިޔުން އޮޅުވާލުން): 11 މައްސަލަ އަދި ފޭރުން: 9 މައްސަލައެވެ.
ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މި ހިނގާ އަހަރުގެ މިހާތަނަށް ޖުމްލަ 8566 މައްސަލައެއް ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. މުޅި އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކާއި މަގުމަތީގެ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. ކުށްމަދު އަމާން މާޙައުލެއް ޤާއިމުކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.