ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޖީޕީ (ޖެނެރަލް ޕްރެކްޓިސް) ކްލިނިކް ޤާއިމުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ 4 ވަނަ އެޕިސޯޑުގައި، ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މުވައްޒަފު ވަނީ ހުޅުމާލެއަކީ އާބާދީ ބޮޑުވަމުން އަންނަ ތަނަކަށް ވުމާއެކު، ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭތީ އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިފައެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭގެ އާބާދީއާ އެއްވަރަށް ފަރުވާގެ ކަންކަން ފޯރުކޮށްދިނުމަށް ސިއްޙީ ނިޒާމް ބައްޓަންކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. "ޖީޕީ ކްލިނިކްސްތައް. ފޭސް2ގަ އިތުރުތަނެއް. ފޭސް1ގައި އިތުރު ތަނެއް ހެދުމުގެ މަސައްކަތް މިހާރު ހަވާލުކޮށްގެން ފަށައިފި. އެ 2 ތަން ނިމުނީމަ އަނެއްކާވެސް ސްޓާފުން އިތުރުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
މި ދެ ކްލިނިކް އިމާރާތްކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 4 މަހާއި 6 މަސް ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަރުހަލާ ނުނިމުނު ނަމަވެސް، މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށާއި، މިހާރުވެސް އިތުރު މެޑިކަލް އޮފިސަރުން ހޯދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.