ވެކްސިނާއި ބޭސް ރައްކާކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އަމަލީ މަސައްކަތް ހުޅުމާލޭގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ވެކްސިނާއި ބޭސް ރައްކާކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އަމަލީ މަސައްކަތް ހުޅުމާލޭގައި ފަށައިފި

ރާއްޖޭގެ ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށްޓަކައި ހުޅުމާލޭގައި ގާއިމުކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައި، އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ހާމަކުރި ގޮތުގައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެޕްވެކްސް ޕްރޮގްރާމުގެ އެހީތެރިކަމާއެކު ގާއިމުކުރާ މި ފެސިލިޓީގެ ސަބަބުން، ވެކްސިނާއި ބޭހުގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތަކާއި ފިނިހޫނުމިން ވަކި މިންވަރެއްގައި ބަހައްޓަންޖެހޭ ސިއްހީ ބާވަތްތައް ރައްކާތެރިކަމާއެކު ރައްކާކޮށް ބެހެއްޓުމުގެ ގާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

މި ފެސިލިޓީއަކީ ހަމައެކަނި އައު އިމާރާތެއް ނޫން ކަމަށާއި، މިއީ ރާއްޖޭގައި ވަރުގަދަ، ދެމެހެއްޓެނިވި އަދި ކާރިސާތަކުން އަރައިގަނެވޭނެ ފަދަ ވަރުގަދަ ސިއްހީ ނިޒާމެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ފެސިލިޓީގެ ސަބަބުން ސިއްހީ ދާއިރާގެ މުހިންމު ގިނަ މަސައްކަތްތަކެއް އެއް ފުރާޅެއްގެ ދަށަށް ޖަމާވެގެންދާނެއެވެ. މީގެ ސަބަބުން މަސައްކަތްތައް ވިލަރެސްކުރުމާއި، ހިންގުމުގެ ހަލުވިކަމާއި ހިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުވެ، ކުއްޔަށް ތަންތަން ހިފައިގެން ހިންގާ ހިންގުން ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިއަދު އޮންލައިން