ފަލަސްޠީނަށް ރާއްޖެއިން ކަނޑައެޅި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ ފަތްކޮޅު އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ފަލަސްޠީނަށް ރާއްޖެއިން ކަނޑައެޅި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ފަލަސްޠީނުގެ ދައުލަތަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑރ. އިބްރާހީމް ޒުހުރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ފަލަސްޠީނުގެ ސަރުކާރަށް އަރުވައިފިއެވެ. މި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.

މި ރަސްމިއްޔާތުގައި ސަފީރު ޑރ. ޒުހުރީގެ ފަތްކޮޅު އަރުވާފައިވަނީ ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑރ. އަޣާބެކިއަން ވަރސެން އަށެވެ. ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަށާއި އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ސަފީރު ވަނީ އަރިސްކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު ޑރ. ޒުހުރީ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި އެއްބާރުލުން ފާހަގަކުރައްވައި، އެމަނިކުފާނުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަން ސަފީރު ތަކުރާރުކުރެއްވިއެވެ.

ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ވަނީ ސަފީރު ޑރ. ޒުހުރީއަށް މަރުޙަބާ ދަންނަވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ސަފީރު ޑރ. ޒުހުރީ މަޤާމުގެ ޒިންމާތައް އަދާކުރައްވާނީ ރާއްޖޭގައި ހުންނަވައިގެން ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.

މި ވަރޗުއަލް ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ، އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ރީނާ، އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާޠިމަތު ލަޔާނާ އިޙްސާން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން