ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހު ތައިލޭންޑްގައި ތިބެވޭގޮތް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހު ތައިލޭންޑްގައި ތިބެވޭގޮތް ހަމަޖައްސައިފި

ތައިލޭންޑްގެ ސަރުކާރުން އެ ޤައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް 31 އޮގަސްޓް 2026 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެ ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ނިންމައިފިއެވެ. މި ބަދަލާއެކު، 15 ސެޕްޓެމްބަރ 2026 އިން ފެށިގެން ތައިލޭންޑަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ޤައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެއެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައެވެ. އެ ނިންމުމާއެކު، ދިވެހިރާއްޖެ ހިމެނިފައި އޮތީ ވިސާއާ ނުލައި ތައިލޭންޑަށް ޒިޔާރަތްކޮށް އެ ޤައުމުގައި ތިބުމަށް 15 ދުވަސް ލިބޭ ޤައުމުތަކުގެ ލިސްޓުގައެވެ.

މިކަމާ ގުޅިގެން 29 ޖޫން 2026 ގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް ވަނީ، ތައިލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މި މަޝްވަރާތަކަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަލުން މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑަށް ވިސާއާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް ވަނީ އިތުރުކޮށްދީފައެވެ.

މިއަދު އޮންލައިން