އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އައު ސަފީރު، ޢިއްޒަތްތެރި ޠާރިޤް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް މިއަދު އަރުއްވައިފިއެވެ.
ޤަޞްރު އަލް ވަޠަންގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޔޫއޭއީގެ ރައީސް ވަނީ ސަފީރު ޠާރިޤް އިބްރާހީމަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ދައުރު ފެށުމާ ގުޅިގެން މަރުޙަބާ ދަންނަވާފައެވެ. އަދި ސަފީރުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ޠާރިޤް އިބްރާހީމް ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ޔޫއޭއީގެ ރައީސަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ހޫނު މަރުޙަބާއަކާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ދެޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.
ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވިފައިވަނީ 15 މާރިޗު 1978 ގައެވެ. ސަފީރު ޠާރިޤް އިބްރާހީމަކީ ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ހަތްވަނަ ސަފީރެވެ.