މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނުވަމީހުން ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތޯހިދުލް އިސްލާމް (35އ) އާއި، މޮނީރް ބެޕާރީ (37) އާއި، ޖަކިރް މުންޝި (46އ) އާއި، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ) އާއި، އެމް.ޑީ އުސްމާން (23އ) އާއި، މޮހައްމަދު ބަބްލޫ އަލީ (34އ) އާއި، އެމް.ޑީ ރައިހާން (32އ) އާއި، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުޙައްމަދު ރަކިބް ހޮސެއިން (30އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ޑީޕޯޓްކޮށްދިނުމަށް އެދި އެންމެން ވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.