ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިސްތިހާރުކޮށް ޕްރޮމޯޓް ކުރުމުގެ މަޤްޞަދުގައި، ސިންގަޕޫރުގައި ކުރިއަށްދިޔަ "ސީފުޑް އެކްސްޕޯ އެޝިއާ 2026" ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބައިވެރިވެއްޖެއެވެ. މި މައުރަޒު ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ މަހުގެ 2 އިން 4 ގެ ނިޔަލަށެވެ.
ޖެހިޖެހިގެން ހަތަރުވަނަ އަހަރަށް ސިންގަޕޫރުގައި ބޭއްވުނު މި އެކްސްޕޯއަކީ މި ސިލްސިލާގެ 14 ވަނަ އެޑިޝަނެވެ. މިއަހަރުގެ މައުރަޒާއެކު، ސީފުޑް ޕްރޮސެސިންގ އިކުއިޕްމަންޓާއި، ޕެކޭޖިންގ އީޖާދުތަކުގެ އިތުރުން އެކުއާކަލްޗަރގެ ޒަމާނީ ހައްލުތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ "ސީފުޑް ޕްރޮސެސިންގ އެޝިއާ" ވެސް ވަނީ އެއް ފުރާޅެއްގެ ދަށުގައި ބާއްވާފައެވެ.
މި މައުރަޒުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ސަރަޙައްދީ ސީފުޑް ސަޕްލަޔަރުންނާއި، މަޝްހޫރު ރީޓޭލް ޗެއިންތަކުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މިއީ ސިންގަޕޫރާއި ދެކުނު އެޝިއާ ސަރަޙައްދުގެ މަހުގެ އެންމެ އިސް އުފެއްދުންތައް ގަންނަ ފަރާތްތަކާ އެއް ތަނަކުން ބައްދަލުކޮށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް ފަހި އަދި މުހިންމު ފުރުޞަތެއް ކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ.
މިފްކޯއިން މި މައުރަޒުގައި ބައިވެރިވެފައިވަނީ ކަށަވަރުކުރެވިފައިވާ އެކްޓިވް ބަޔަރުންގެ ޚާއްޞަ ލިސްޓަކަށް އަމާޒުކޮށްގެންނެވެ. އެހެންކަމުން، މައުރަޒަށް ޒިޔާރަތްކުރާ އާންމު ފަރާތްތަކުގެ ބަދަލުގައި، ސީދާ މިފްކޯގެ ޚިދުމަތްތަކާއި އުފެއްދުންތައް ގަތުމަށް ޝައުޤުވެރިވާ ވިޔަފާރިވެރިންނާ ބައްދަލުކުރުމުގެ ފުރުޞަތު ފަހިވެގެންދިޔަކަން އެކުންފުނިން ފާހަގަކުރެއެވެ.
ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް އެކްސްޕޯޓްކުރުމުގައި އިސްދައުރެއް އަދާކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، އެޝިއާ ސަރަޙައްދުގައި ސީފުޑް އުފެއްދުންތައް މާކެޓްކޮށް، އިސްތިހާރުކޮށް އަދި ވިއްކުމުގައި ގެންގުޅޭ ޒަމާނީ އުކުޅުތަކާއި ޓްރެންޑްތައް ދެނެގަތުމަށްވެސް މި އެކްސްޕޯ ވެގެންދިޔައީ ނުހަނު ބޭނުންތެރި މަންސައަކަށް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.