މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އުފަންވި ކުދިންގެ އަދަދު ދަށްވެފައިވާ ކަމަށް ސިއްޙީ ވުޒާރާއާއި ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާ ގުޅިގެން ނެރޭ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް" ރިޕޯޓުން ދައްކައިފިއެވެ.
މި ރިޕޯޓަކީ ރާއްޖޭގައި މީހުން ވިހާ އަދި މަރުވާ މިންވަރުގެ ތަފާސްހިސާބުތައް ބަލަހައްޓައި، ކޮންމެ ތިން މަހަކުން އެއްފަހަރު އަދާހަމަކޮށް ޢާންމުކުރަމުންދާ ރިޕޯޓެކެވެ.
ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ 2,806 ކުދިން އުފަންވެފައިވީ ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި އުފަންވެފައިވަނީ 2,538 ކުދިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 268 ކުދިން ނުވަތަ %9.5 ގެ ދަށްވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެންމެ ގިނައިން އުފަންވެފައިވަނީ ފިރިހެން ކުދިންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު 1,407 ފިރިހެން ކުދިން އުފަންވެފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އުފަންވީ 1,309 ފިރިހެން ކުދިންނެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީން ޖޫން މަހުގެ ނިޔަލަށް 1,399 އަންހެން ކުދިން އުފަންވެފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އުފަންވެފައިވަނީ 1,229 އަންހެން ކުދިންނެވެ.
މި މުއްދަތުގައި އެންމެ ގިނަ ކުދިން ވިހާފައިވަނީ މާލެ ސަރަޙައްދަށެވެ. އެގޮތުން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އުފަންވި ކުދިންގެ %70 އަކީ މާލެއަށް އުފަންވި ކުދިން ކަމުގައިވާއިރު، ބާކީ %30 ކުދިން އުފަންވެފައިވަނީ އަތޮޅުތަކަށެވެ. މިއަހަރާއި މިދިޔަ އަހަރުވެސް މި ނިސްބަތް ހުރީ ދާދި އެއްވަރެއްގައި ހިފަހައްޓާފައެވެ.