"ކޮމިއުނިޓީ އެންގޭޖްމަންޓް" ހަރަކާތްތަކެއް ފުލުހުން ކުރިއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
"ކޮމިއުނިޓީ އެންގޭޖްމަންޓް" ހަރަކާތްތަކެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގުސަދުގައި މާލޭ ޕޮލިހުން އިއްޔެ ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. 

މި ހަރަކާތުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ޒިންމާދާރުކަމާއެކު އުޅަނދު ދުއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހެލްމެޓް ހަދިޔާކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް ޕާކުކޮށްފައިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކަށް ވެސް ސްޓިކާއެއް ދީފައިވެއެވެ. 

މީގެ އިތުރުން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލިމީހުންނަށް ފުލުހުން ޒިޔާރަތްކޮށް، އެ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުއާގެ ކާޑު ވަނީ ހަދިޔާކޮށްފައެވެ.

މި ހަރަކާތްތަކުގެ ތެރޭގައި، މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކަށް ފުލުހުން ޒިޔާރަތްކޮށް، ސަލާމަތީ މިންގަނޑުތައް ހުރި ނެތްގޮތް ވަނީ ބަލާފައެވެ. އަދި މަސައްކަތުގެ މާހައުލާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅޭ އިރުޝާދާއި ލަފާ އެ ފަރާތްތަކަށް ވަނީ ދީފައެވެ. 

މި ހަރަކާތްތަކަކީ ފުލުހުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށާއި، ގާނޫނުތަކާއި ގަވާއިދުތަކަށް އަމިއްލައަށް އިސްނަގައިގެން ބޯލެނބުމުގެ ސަގާފަތެއް އަށަގަންނުވައި، އާންމު ސަލާމަތާއި ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ހަނދާންކޮށްދިނުމަށް މާލޭ ޕޮލިހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.

މިއަދު އޮންލައިން