އޮގަސްޓް މަހު އެކަނިވެސް ސްކޭމްތަކުގައި 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 9ސ
އޮގަސްޓް މަހު އެކަނިވެސް ސްކޭމްތަކުގައި 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ!

އެކިކަހަލަ އޮޅުވާލުންތަކާއި ސްކޭމްތަކުގެ މައްސަލަތަކުގައި މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެކަނިވެސް އާންމުންގެ އަތުން 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ސްކޭމްގެ ޖުމްލަ 184 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މި މައްސަލަތަކުގައި އާންމުންގެ އަތުން 1,962,260.38 (އެއް މިލިއަން ނުވަސަތޭކަ ފަސްދޮޅަސް ދެހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ އަށްތިރީސް ލާރި) ގެއްލިފައިވެއެވެ. ނަމަވެސް، ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 1,129,106.87 (އެއް މިލިއަން އެއްލައްކަ އޮނަވިހިހާސް އެއްސަތޭކަ ހަ ރުފިޔާ ހަތާވީސް ލާރި) ވަނީ އަނބުރާ ހޯދައިދެވިފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތައް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އީ-ކޮމާސްއާ ގުޅުންހުރި 79 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތަކެވެ. އެ ބާވަތުގެ 43 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، ބުކިންގ ކެންސަލް ނުވަތަ ރިފަންޑާ ގުޅުވައިގެން ހިންގި 20 މައްސަލައަކާއި، ދަންނަ މީހުންގެ ނަމުގައި ގުޅައިގެންނާއި މެސެޖު ކޮށްގެން ފައިސާ ހޯދި 18 މައްސަލައެއްގެ އިތުރުން، ހުއްދަނެތި އެކައުންޓުން މުއާމަލާތްކޮށްފައިވާ (އަންއޮތޮރައިޒްޑް ޓްރާންސެކްޝަން) 12 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 12 މައްސަލައެއް ވެސް ފުލުހުންގެ ރެކޯޑުތަކުގައި ހިމެނެއެވެ.

ސްކޭމްތައް ހިންގުމުގައި ބޭނުންކުރާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ މިފަދަ ހުރިހާ ސްކޭމްތަކުގެ 99 އިންސައްތައަކީ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހިންގާ ކަންކަމެވެ. އޭގެ ތެރެއިން ވެސް 95 އިންސައްތަ ހިއްސާކުރަނީ ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގައްޔާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އަބަދުވެސް އާންމުންނަށް އިލްތިމާސްކުރެއެވެ.

މިއަދު އޮންލައިން