އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ޚާއްޞަ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތަކެއް ށަވިޔަނި އަތޮޅުގައި ބޭއްވުމަށް ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެންބަރު މަހުގެ 19 އިން 24 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންނާއި، އަލަށް ވިޔަފާރީގެ ދާއިރާއަށް ނިކުންނަން ބޭނުންވާ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ފަރާތްތަކަށް ހުރި ފުރުޞަތުތައް ދެނެގަތުމެވެ. މީގެ އިތުރުން، އަންހެނުންނަށް ބޭނުންވާ ތަމްރީނުތަކާއި ލިބެންހުރި ވަސީލަތްތައް ދެނެގަނެ، ޤައުމީ ފެންވަރުގައި އަންހެނުންގެ އިޤްތިޞާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަކީވެސް މި ބައްދަލުވުންތަކުގެ ބޭނުމެކެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކޮށް، ރަށުގެ އިޤްތިޞާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަން ދެނެގަތުމަށް މި މަޝްރޫޢުގެ ދަށުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރާނެއެވެ.
ށަވިޔަނި އަތޮޅުގެ 10 ރަށެއްގައި މި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ރަށްތަކަކީ:
- 19 ސެޕްޓެންބަރު: ފޯކައިދޫ - 20 ސެޕްޓެންބަރު: ގޮއިދޫ އަދި ކަނޑިތީމު - 21 ސެޕްޓެންބަރު: ފީވައް އަދި މިލަންދޫ - 22 ސެޕްޓެންބަރު: ށ. ފޭދޫ އަދި ފުނަދޫ - 23 ސެޕްޓެންބަރު: މާއުނގޫދޫ އަދި ކޮމަންޑޫ - 24 ސެޕްޓެންބަރު: ޅައިމަގު
މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން އެދިލައްވާ ފަރާތްތަކަށް އޮންލައިން ފޯމު (https://forms.gle/QwC2tf4aCx5dEgPW9) މެދުވެރިކޮށް ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.