ނިމިދިޔަ ސަރުކާރުގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވޭ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ނިމިދިޔަ ސަރުކާރުގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވޭ: މާލީ ވަޒީރު

ނިމިދިޔަ ފަސް އަހަރުގެ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީ) މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 100 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، 2018 ވަނަ އަހަރު 18,676 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 ވަނަ އަހަރުގެ ނިޔަލަށް 36,729 އަށް އުފުލިފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީ.ސީ.ބީ) ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 އާއި 2023 އާ ދެމެދު ސަރުކާރު ކުންފުނިތަކަށް 18,053 މުވައްޒަފުން އިތުރުވެފައިވާ ކަމަށެވެ. މިއީ އެ ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 97 އިންސައްތައިގެ އިތުރުވުމެކެވެ.

މިނިސްޓަރ މި ތަފާސްހިސާބުތައް ހާމަކުރެއްވީ، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން އައްޔަނުކުރާ ގޮތާއި، ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކުރުމަށް (ރައިޓް-ސައިޒިންގ) ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޒަރީރު ވިދާޅުވި ގޮތުގައި، މުވައްޒަފެއްގެ ސިޔާސީ ފިކުރަށް ނުވަތަ ފާޅުކުރާ ސިޔާސީ ޚިޔާލަކަށް ބިނާކޮށް ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަކީ މި ސަރުކާރުން ތާއީދުކުރާ ކަމެއް ނޫނެވެ. އަދި ސިޔާސީ ސަބަބަކަށްޓަކައި އެއްވެސް މުވައްޒަފަކު ވަކިކުރުމަށް ފިނޭންސް މިނިސްޓްރީން އެއްވެސް ކުންފުންޏަކަށް އަންގާފައި ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ އިދާރާގެ ހައިސިއްޔަތުން، ކުންފުނިތަކަކީ މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ތަންތަންކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު މިނިސްޓްރީގެ އެބައޮތް ކަމަށް ވިދާޅުވިއެވެ. ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީ.ސީ.ބީ މެދުވެރިކޮށް ތަފާތު އެކި ފަހަރުމަތިން އިރުޝާދު ދީފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެފަދަ އިރުޝާދުތަކަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދެވޭ އިރުޝާދުތަކެއް ކަމަށާއި، އެއީ ވަކިވަކި މުވައްޒަފުންނާ ގުޅޭގޮތުން ނުވަތަ ކުންފުނިތަކުގެ ކޮންމެ ދުވަހެއްގެ އިދާރީ ހިންގުމަށް ދެވޭ އަމުރުތަކެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތަފާސްހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު 18,676 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 ގެ ނިޔަލަށް ވަނީ 36,729 އަށް އިތުރުވެފައެވެ. މިހާރު މި އަދަދު ހުރީ 41,667 ގައެވެ. މިއީ 2023 ވަނަ އަހަރު ނިމުނުއިރު ހުރި އަދަދަށްވުރެ 4,938 މުވައްޒަފުން ނުވަތަ 13 އިންސައްތައިގެ އިތުރުވުމެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން