ޒުވާނުންނަށް ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަނީ: މިދިޔަ އަހަރު 500 މީހުން އައިޖީއެމްއެޗްގައި އެޑްމިޓްކުރި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޒުވާނުންނަށް ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަނީ: މިދިޔަ އަހަރު 500 މީހުން އައިޖީއެމްއެޗްގައި
އެޑްމިޓްކުރި

ދިވެހިރާއްޖޭގައި އުމުރުން ހަގު މީހުންނަށް ސްޓްރޯކް ޖެހޭ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ ކަމަށާއި، މިދިޔަ އަހަރު އެކަނިވެސް ސްޓްރޯކް ޖެހިގެން 500 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ދައުލަތުގެމީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ނިއުރޯސާޖަރީ ސްޕެޝަލިސްޓް ޑރ. އަލީ އާފީ ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައިވެސް ސްޓްރޯކް ޖެހޭ މިންވަރު %50 އަށް އިތުރުވެފައިވާއިރު، އުމުރުން 25 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އުމުރުގެ ކޮންމެވެސް ހިސާބެއްގައި ސްޓްރޯކެއް ތަހައްމަލުކުރަން ޖެހުމުގެ ފުރުސަތު %25 އޮންނަ ކަމަށެވެ. އަދި ރާއްޖޭގައިވެސް މި ހާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަން ފާހަގަކުރެއްވިއެވެ.

އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސްޓްރޯކް ޖެހިގެން ގެންނަ ކޮންމެ ފަސް މީހަކުން އެކަކީ އުމުރުން 45 އަހަރުން ދަށުގެ ޒުވާނެކެވެ. މީގެ ތެރޭގައި އުމުރުން އެންމެ 16 އަހަރުގެ ކުދިންވެސް ހިމެނޭކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ. ޒުވާން އުމުރުގައި މި ބަލި އާންމުވަމުންދަނީ، ލޭމައްޗަށް ދިއުމާއި، ހަކުރުބަލި އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނާތީއެވެ.

ސްޓްރޯކަކީ ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ހޮޅިއެއް ބެދިގެން ނުވަތަ ފަޅައިގެން ގޮސްގެން ދިމާވާ ކުއްލި ސިއްހީ ނުރައްކަލެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ އެއްފަޅިން ވާގިނެތުމާއި، މޫނު އެއްފަރާތަކަށް އެނބުރުން ނުވަތަ ދަމައިގަތުމުގެ އިތުރުން ވާހަކަދައްކަން އުނދަގޫވުން ހިމެނެއެވެ. ޑރ. އާފީ ވިދާޅުވީ މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެންމެ ހިނދުކޮޅެއްވެސް ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުމަކީ، ބަލިން އަވަހަށް ރަނގަޅުވުމަށް އޮތް އެންމެ މުހިންމު ފުރުސަތު ކަމަށެވެ.

މީގެއިތުރުން، ސްޓްރޯކަށް ފަހު ބަލިމީހާ އަލުން އާންމު ހާލަތަކަށް ރުޖޫއަވުމުގައި (ރިކަވަރީގައި) އާއިލާގެ އެހީތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ޑރ. އާފީ ވިދާޅުވިއެވެ. ހާއްސަކޮށް ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ގޭގައި ދޭންޖެހޭ ފިޒިއޮތެރަޕީއާއި، ކާންދޭނެ ގޮތްތައް ފަދަ މުހިންމު ކަންކަން ހޮސްޕިޓަލުގައި ބަލިމީހާ އޮންނަ މުއްދަތުގައި އާއިލާއިން ދަސްކޮށް، ފުރިހަމަ އެއްބާރުލުން ދިނުމަކީ ބަލިމީހާގެ ސިއްހަތު އަވަހަށް ރަނގަޅުވުމަށް އެޅޭ ބާރެއް ކަމުގައި ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

”އާާއިލާގެ އެއްބާރުލުމަކީ ވަރަށް މުހިންމުކަމެއް ސްޓްރޯކްގެ ރިކަވަރީ ޕްރޮސެސްގައި. ޚާއްސަކޮށް ޓްރާންސިޝަންއަކީ ވަރަށް މުހިންމުކަމެއް. ހޮސްޕިޓަލުން ގެޔަށް ބަލިމީހާ ބަދަލުކުރާއިރު އެ ޕާތުވޭ އެސްޓަބްލިޝްކުރުމަކީ ވަރަށް މުހިންމުކަމެއް. އެހެންވީމަ އާއިލާގެ ސަޕޯޓް ވަރަށް މުހިންމު. މިސާލަކަށް ބަލިމީހާއަށް ކާންދޭނީ ކިހިނެތްތޯ. ހޮސްޕިޓަލުގައި ބަލިމީހާ އޮންނަ ދުވަސްވަރު ދަސްކުރުން ވަރަށް މުހިންމު. ފިޒިއޮތެރަޕީކަންކަން ކުރުން،“ ޑރ. އާފީ ވިދާޅުވިއެވެ.

ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު އެ ހޮސްޕިޓަލަށް ދާ ކަމަށް މީގެކުރިންވެސް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. ސްޓްރޯކް ޖެހިއްޖެނަމަ އެކަމުން ސަލާމަތްވުމަށް އެންމެ މުހިއްމު ކަމަކީ އަވަސް ފަރުވާ ދިނުމެވެ. ސްޓްރޯކް ޖެހޭތާ ލަސްވެގެން ހަތަރު ގަޑިއިރާ 30 މިނެޓު ތެރޭގައި ފަރުވާ ފެށިއްޖެނަމަ އެ މީހާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެއެވެ.

މިއަދު އޮންލައިން