ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުންގާނާ ހަވާލުވެވަޑައިގެންނެވި ދަނޑިވަޅަކީ ދިވެހިރާއްޖޭގެ އިޤްތިސާދު ނުރައްކާތެރި ފައްތަރެއްގައި އޮތް ދުވަސްވަރެކެވެ. މާލީ މާހިރުންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ފަރާތްތަކުން ވެސް އޭރު ލަފާކުރަމުން ދިޔައީ ޤައުމު ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. ނަމަވެސް، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ޤައުމުގެ އިޤްތިސާދީ ދުވެލި ވަނީ ހަލުވިކޮށް، އަލުން ކޮޅަށް ޖެހުމުގެ އުންމީދު އާކޮށްދީފައެވެ.
ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ކޮނޑުގައި އަޅުވާފައިވާ ބޮޑެތި ދަރަނިތަކުން ސަލާމަތްވުމަށް ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ އިތުރު ދަރަންޏަކަށް ބަރޯސާނުވެ، ދަރަނި ދެއްކުމުގެ ޤާބިލުކަން ހޯދުމެވެ. "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ހަގަކުރެއްވި ފަދައިން، ސަރުކާރުގެ އެންމެ މުހިންމު އަމާޒަކަށްވީ ދިވެހިން ދަރަނީގެ ބުރައިން މިންޖުކޮށް، ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމެވެ. އެގޮތުން ޤައުމުގެ ގްރޮސް ރިޒާވާއި ޔޫސަބަލް ރިޒާވް ރެކޯޑު މިންވަރަކަށް އިތުރުކުރެވި، ބައިނަލްއަޤްވާމީ މާލީ މައިދާނުގައި ރާއްޖެއާމެދު އޮތް އިތުބާރު ވަނީ އަލުން ހޯދިފައެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުވެގެންދާނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައެވެ.
މާލީ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ދައުލަތުން ވަނީ އިތުރު ލޯނެއް ނުނަގައި 10.4 ބިލިއަން ރުފިޔާގެ ދަރަނި އަނބުރާ ދައްކައި ޚަލާސްކޮށްފައެވެ. އަދި އަހަރު ނިމޭއިރު މި އަދަދު 11.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ. މި ބޮޑު ދަރަނި ދެއްކުމުގެ ހެޔޮ ނަތީޖާއެއްގެ ގޮތުން، 2027 ވަނަ އަހަރު ދަރަނި އަދާކުރުމަށް ހޭދަކުރަންޖެހޭ މިންވަރު ވަނީ 4.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ލުއިކޮށްދިނުމަށް އެޅުނު ޚާއްސަ ފިޔަވަޅެކެވެ.
ދުނިޔޭގެ އިޤްތިސާދީ ދުވެލި 3.4 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖެއަށް ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކު މި އަހަރު ރާއްޖޭގެ ކުރިއެރުން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، 2027 ވަނަ އަހަރަށް ބަލާއިރު އިޤްތިސާދު ވަރުގަދަވެ، ކުރިއެރުމުގެ ދުވެލި 3.9 އާއި 6.8 އިންސައްތައާ ދެމެދުގެ ބާރުމިނަކަށް އަރައިގެންދާނެއެވެ. އަދި އިންފްލޭޝަން ރޭޓް 1.0 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެއެވެ.
މި ހެޔޮ ބަދަލުތަކާއެކު، 2027 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ 2026 ވަނަ އަހަރަށްވުރެ 4.5 ބިލިއަން ރުފިޔާ ދަށް، ޚަރަދު ކުޑަކުރުމަށް އިސްކަންދީފައިވާ ބަޖެޓެކެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަދި ތަރައްޤީގެ މަޝްރޫޢުތަކަށް ޕީއެސްއައިޕީގެ 8.2 ބިލިއަން ރުފިޔާ ހިމެނޭހެން ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު، ދައުލަތަށް ލިބޭނެ އާމްދަނީ އަންނަނީ އަހަރަކަށްވުރެ އަހަރެއް މައްޗަށް ދާނެކަމަށް އަންދާޒާ ކުރެވެމުންނެވެ. އެގޮތުން އަންނަ އަހަރުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭއިރު، 2028 ވަނަ އަހަރު 46.6 ބިލިއަން އަދި 2029 ގައި މި އަދަދު 49.7 ބިލިއަން ރުފިޔާއަށް އުފުލޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަޝްރޫއުތައް ނުނިމި ދިގުލައިގެން ދިއުމެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަމާޒަކީ، އައު މަޝްރޫއުތައް ފެށުމުގެ ކުރިން، މިހާރު ހިނގަމުންދާ މަސައްކަތްތަކުގެ މަދުވެގެން 70 އިންސައްތަ އެއްކޮށް ނިންމައި ރައްޔިތުންނާ ހަވާލުކުރުމެވެ. މި ސިޔާސަތުގެ ދަށުން، ރަށްރަށުގައި ހުއްޓިފައި ހުރި ތަރައްޤީގެ މަސައްކަތްތައް ނިމި، އޭގެ ހަޤީޤީ މަންފާ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
"މި ދެންނެވީ މިސާލަކަށް 100 މަޝްރޫއޭ ހަވާލުކޮށްފައި އޮތީ، އެހެންވެއްޖެއްޔާ 70 މަޝްރޫޢު ނިންމާފައި ހަވާލުކުރާނަމޭ ރައްޔިތުންނާ. އެއީ، އަންނަ އަހަރުގެ ޓާގެޓަކީ،" ރައީސް ވިދާޅުވިއެވެ.
މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، މި އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ، 7.6 ބިލިޔަން ރުފިޔާގައި ކަމަށެވެ. މިއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު %6.2 އެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭއިރު، މިއީ ޖީޑީޕީގެ ނިސްބަތުން %7.3 ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ޑެފިސިޓުގެ މި އަދަދުތަކާއެކު، މި އަހަރު ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ބެލެންސް %2.5ގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި އަދަދު އަންނަ އަހަރު ނިމެންވާއިރަށް %3.4 ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެ ކަމަށް ލަފާކުރެެވޭ އަދަދުވެސް ވަޒީރު ވަނީ ހިއްސާކޮށްފައެވެ.
"2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް އަންދާޒާކުރެވެނީ 117 އިންސައްތައިގައި. އަދި 2028 ވަނަ އަހަރު އެ ޢަދަދު 116.3 އިންސައްތައަށް ތިރިވާނެ ކަމަށް ލަފާކުރެވޭއިރު، 2029 ވަނަ އަހަރަށް ދަރަނި 107.9 އިންސައްތައަށް ތިރިކުރުމުގެ އަމާޒުވެސް މި ބަޖެޓުގައި ވަނީ ކަނޑައަޅާފައި." ވަޒީރު ވިދާޅުވިއެވެ.
ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށާއި، ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް ފިސްކަލް ޒިންމާދާރުކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ޤައުމު އިޤްތިސާދީ ނުރައްކަލުން ސަލާމަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަކަށް މަގުކޮށައިދޭ ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ. މިއީ ދިވެހިރާއްޖޭގެ މުސްތަޤުބަލު އުޖާލާކޮށްދޭނެ އުންމީދީ މިސްރާބެކެވެ.