ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (#CBDCOP17) ގެ ހަވާސާގައި ބޭއްވުނު "ބްލޫ އެންޑް ގްރީން އައިލެންޑްސް" ރިސެޕްޝަނުގައި، މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒު ތަޤުރީރު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވަނީ، ތިމާވެށީގެ ގޮތުން ނާޒުކު ޖަޒީރާ ޤައުމުތަކުން ޝާމިލު، ދެމެހެއްޓެނިވި އަދި މޫސުމީ ގެއްލުންތަކަށް ތަހައްމަލުކުރެވޭ ފަދަ ތަރައްޤީއެއް ހާސިލުކުރުމަށްޓަކައި "ބްލޫ އެންޑް ގްރީން އައިލެންޑްސް އިންޓަގްރޭޓަޑް ޕްރޮގްރާމް" މެދުވެރިކޮށް ފޯރުކޮށްދޭ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ ޤުދުރަތީ ވެއްޓާއި އިޤްތިޞާދު ރައްކާތެރިކުރުމަށް މިފަދަ ގުޅިފައިވާ ޕްރޮގްރާމްތަކުގެ ދައުރު ނުހަނު ބޮޑު ކަމަށެވެ.
މީގެއިތުރުން، ދެމެހެއްޓެނިވި މާލީ ނިޒާމުތައް ބިނާކުރުމާއި ތިމާވެށި ހިމާޔަތްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އިން ވެދެއްވާ އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ޖީ.އީ.އެފްގެ ސެކްރެޓޭރިއަޓަށާއި، މި ޕްރޮގްރާމްގެ ދަށުން މަޝްރޫޢުތައް ތަންފީޛުކުރަމުންދާ އެކި އިދާރާތަކުން ފޯރުކޮށްދެމުންދާ މެދުނުކެނޑޭ އެހީތެރިކަމާއި އަގުހުރި އިރުޝާދަށްޓަކައި ސްޓޭޓް މިނިސްޓަރ ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ހަމައެއާއެކު، ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރަމުންދާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) އެއްބާރުލުމާއި ބައިވެރިވުމަށްވެސް ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒު ވަނީ ޝުކުރު އަދާކުރައްވާ، މި ދާއިރާއިން ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ހާމަކުރައްވާފައެވެ.
ހަބަރު: ސަރުކާރު