އަންސްކިލްޑް ބިދޭސީންނަށް ކޮންމެ މީހަކަށް އެންމެ ސިމްކާޑެއް ދޫކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަންސްކިލްޑް ބިދޭސީންނަށް ކޮންމެ މީހަކަށް އެންމެ ސިމްކާޑެއް ދޫކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މީގެއިތުރުން ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި ވެސް، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ. އަދި ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާމެދު ޤާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ނިންމަވާފައެވެ.

ހަމައެއާއެކު، ބޮޑު އަގުގައި އެކްސްޕޯޓްކުރުމަށްޓަކައި ތަންތަނުގައި އަޅާފައި ހުންނަ ކޮޕަރ ވަޔަރުތައް ބުރިކޮށްގެން ވަގަށް ގެންދާ މައްސަލަ ބޮޑުވެފައިވާތީ، އެކަމަށް އެކަށީގެންވާ ޙައްލެއް ހޯއްދެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ދަތުރުފަތުރުގެ ދާއިރާއަށް ބަލާއިރު، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް، އެ ފެއަރ ކުޑަކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މިއަދު އޮންލައިން