ސްޓެލްކޯއިން "އެޗް.އާރް އިންސައިޓް"ގެ ނަމުގައި ޚާއްސަ ފޯރަމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 53ސ
ސްޓެލްކޯއިން "އެޗް.އާރް އިންސައިޓް"ގެ ނަމުގައި ޚާއްސަ ފޯރަމެއް ބާއްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިސްނަގައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާތަކާއި މުހިންމު މައުލޫމާތުތައް ހިއްސާކުރުމުގެ މަގުސަދުގައި "އެޗް.އާރް އިންސައިޓް" ގެ ނަމުގައި ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ. ކ. ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްގެންދިޔަ މި ފޯރަމްގައި ސަރުކާރު ހިއްސާވާ 13 ކުންފުންޏަކުން ޖުމްލަ 35 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ފޯރަމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ. ފޯރަމް އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، މި ފޯރަމުން ފާހަގަވެގެންދާ މުހިންމު އެއް ކަމަކީ އެއް ކުންފުނީގެ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް އެހެން ކުންފުނިތަކާ ހިއްސާކުރެވިގެންދިއުން ކަމަށެވެ. އަދި އޭގެ ސަބަބުން ކަންކަމުގައި ނިންމުންތައް ނިންމުމުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށާއި، ޕީސީބީގެ ރައީސެއްގެ ހައިސިއްޔަތުން ދެކެން ބޭނުންވާ މަންޒަރަކީ އެއީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

stelco

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، ކުންފުނިތަކުގެ ހިންގުމާއި ކުރިއެރުމަށް ބަލާއިރު، އެންމެ އަގުހުރި ރައުސްމާލަކީ ބެލެންސް ޝީޓުން ފެންނަން އޮންނަ މާލީ އެސެޓްތަކެއް ނޫން ކަމަށާއި، އެންމެ މުހިންމު ރައުސްމާލަކީ ކޮންމެ ދުވަހަކު ވަދެނިކުމެވާ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެދެވޭ ނަތީޖާ ނެރެދީ، ކުންފުނީގެ އަގު އުފުލައިދެނީ މުވައްޒަފުންގެ ކިބައިގައި ހުންނަ ގާބިލުކަމާއި ހުނަރުވެރިކަމުން ކަމަށްވެސް އަޒުވަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި، އެޗް.އާރް ގެ ނަޒަރިއްޔާތުން ބަލާއިރު މި ވޯކްޝޮޕްގެ ތެރެއިން މުހިންމު ބައެއް ކަންކަމަށް އަލިއަޅުވާލެވިދާނެ. ފުރަތަމަ ކަމަކީ، މުވައްޒަފުންނާ މެދު އަޅުގަނޑުމެން ދެކޭގޮތް. އެގޮތުން، ހަމައެކަނި އެ ބޭފުޅުންގެ ވަޒީފާގެ މަގާމާއި ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، މުވައްޒަފުންގެ ބޭނުންތައް ފުރިހަމައަށް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެއް. މުވައްޒަފުން ހޯދުމާއި ވަޒީފާގައި ދެމެހެއްޓުމަށް (ރިޓެންޝަން) ކުރެވޭ މަސައްކަތްތަކުގައި، މުވައްޒަފުންގެ އިހްސާސްތަކާއި ބޭނުންތައް ދެނެގަތުމަކީ އެޗް.އާރް ދާއިރާއިން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް،" ޑރ. އަޒުވަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވަނީ މުވައްޒަފުން ބިނާކުރަންވާނީ ހަމައެކަނި މިއަދުގެ ބޭނުންތަކަށް ނޫން ކަމަށާއި، ބަދަލުވަމުން އަންނަ މާހައުލާ އެއްގޮތަށް މުސްތަގުބަލުގައި ބޭނުންވާނެ ހުނަރުތަކާއި ގާބިލުކަން އަށަގެންނެވުމަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ޚާއްސަ ސަމާލުކަމާއި، ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމަށް އެކަށައަޅުއްވާ ހަރުދަނާ ސިޔާސަތުތަކަށްޓަކައި އެ މަނިކުފާނަށް ޑރ. އަޒުވަރު ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން