ދިވެހި ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނު ހޯދުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދިވެހި ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނު ހޯދުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ޙައްޖާއި ޢުމްރާގެ އަޅުކަމަށް ފުރާ ދިވެހި ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އިސްވެރިންނާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) ގެ މެނޭޖްމަންޓާ ދެމެދު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ސްޓޭޓްފާމާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޙައްޖުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭހާއި ޞިއްޙީ ސާމާނު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި އެކަމާ ގުޅޭ އެންމެހައި އިންތިޒާމުތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ.

މި ބައްދަލުވުމުގައި ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރައްވާފައިވާ ގޮތުގައި، މީގެ ކުރިން ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން އައީ އެކި ފަރާތްތަކުންނެވެ. ނަމަވެސް، ބޭސް ހޯދުމުގެ އެންމެހައި ކަންކަން އެއް ނިޒާމެއްގެ ދަށުން މިއަށްވުރެ ރަނގަޅަށް އިންތިޒާމުކުރުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމަށް އެ ކޯޕަރޭޝަނުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ދިވެހިންނަށް އެންމެ ފުރިހަމަ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދުމުގެ ކަންކަން ދެމެހެއްޓެނިވި އަދި ހަރުދަނާ އުޞޫލަކުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މިއަދު އޮންލައިން