ވެމްކޯގެ އިދާރީ ޚިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ވެމްކޯގެ އިދާރީ ޚިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިދާރީ ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް އިފްތިތާޙުކޮށްފިއެވެ. މި އެޕްލިކޭޝަނާއެކު ވެމްކޯއިން ފޯރުކޮށްދޭ އެންމެހާ އިދާރީ ޚިދުމަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ހޯދުމުގެ މަގު މިހާރު ވަނީ ފަހިވެފައެވެ.

އަލަށް ތަޢާރަފުކުރި އެޕްލިކޭޝަން މެދުވެރިކޮށް، ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތަށް އަލަށް ރަޖިސްޓްރީވުމާއި، ވަކިވަކިން އުކާލާ ކުނި އުކާލުމަށް އެދި ރިކުއެސްޓް ކުރުމުގެ ކަންކަން ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެއެވެ. މީގެއިތުރުން، ޚިދުމަތްތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެޕް މެދުވެރިކޮށް އެފަދަ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހަމަޖައްސައިދީފައެވެ.

މި އެޕްލިކޭޝަނުގައި ވެމްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ އެޖެންޓުންނާ ސީދާ ޗެޓްކުރެވޭނެ އިންތިޒާމުވެސް ވަނީ ހިމަނާފައެވެ. އަދި ކަސްޓަމަރުން ރަޖިސްޓްރީކުރާ މައްސަލަތަކާއި، އެ މައްސަލަތައް ކުރިއަށް ގޮސްފައިވާ ހިސާބުތަކުގެ އިތުރުން މީގެކުރިން ކޮށްފައިވާ އެކި މުޢާމަލާތްތަކުގެ ތަފްޞީލުތައްވެސް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެއެވެ.

ހަމައެއާއެކު، ވެމްކޯގެ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަންވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ވަނީ ފަސޭހަކޮށްދީފައެވެ. އެގޮތުން ބިލުގެ ތަފްޞީލާއި ކުރީގެ ބިލުތައް ބަލައިލުމުގެ އިތުރުން، އެޕްލިކޭޝަންގެ ތެރެއިން ސީދާ ފައިސާ ދެއްކޭނެ ގޮތްތައް ވަނީ ފަހިކޮށްދީފައެވެ. މި އެޕްލިކޭޝަން އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށާއި، އެޕްލިކޭޝަން ބޭނުންކުރެވޭނީ "އީފާސް" މެދުވެރިކޮށް ރަޖިސްޓްރީވެގެން ކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން