ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލުން ދެކޮޅުހެދުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލުން ދެކޮޅުހެދުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން އެކުލަވާލި ޕްލޭނާއި ގުޅޭ މަގުޗާޓު ތަންފީޒުކުރުމަށް ޔަހޫދީން ދެކޮޅުހެދި ދެކޮޅުހެދުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ޔަހޫދީން ދެކޮޅު ހެދުމަކީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސަރަހައްދުގައި ސުލްޙަ ޤާއިމުކުރަން ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް ގަސްދުގައި ހުރަސްއެޅުމުގެ އަމަލެއް ކަމަށެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ، ސުލްޙައިގެ މަގުޗާޓަށް ފަލަސްތީނުގެ ތާއީދު ހޯދުމަށްޓަކައި ސައުދީ އަރަބިއްޔާ، ގަތަރު، މިސްރު، ތުރުކީވިލާތް އަދި ބައިނަލްއަޤުވާމީ އެހެން ފަރާތްތަކުން ކުރި އިޚްލާޞްތެރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ސުލްހައިގެ ޕްލޭން އިތުރަށް ލަސްނުކޮށް ފުރިހަމައަށް ތަންފީޒުކޮށް، ޣައްޒާގައި ދާއިމީ ސުލްޙަ ޤާއިމުކުރުމަށާއި، ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހިމެނޭހެން، ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

މިއަދު އޮންލައިން