ބޭރު ކޮންޓްރެކްޓަރުން އަތުން ނަގާ ވިތުހޯލްޑިންގް ޓެކްސް ރޭޓް %5 އިން %10 އަށް އިތުރުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ލިބުނު ހެޔޮ ބަދަލެއް ކަމަށް ބުނެ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އެކަމަށް މަރުހަބާ ކިޔައި ޝުކުރު އަދާކޮށްފިއެވެ.
ބޭރު ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިންގް ޓެކްސް ފުރަތަމަ އޮތީ %10 ގައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޭރުގެ ކޮންޓްރެކްޓަރުން ދައްކަންޖެހޭ ވިތުހޯލްޑިންގް ޓެކްސް %10 އިން %5 އަށް ކުޑަކުރުމަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވާފައެވެ.
އެ ބަދަލާއެކު ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރު ކޮންޓްރެކްޓަރުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުގެ ފަރަގު ބޮޑުވެގެން ދިޔައެވެ. އަދި ބޭރުގެ ކޮންޓްރެކްޓަރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކްސްގެ މިންވަރު ދިވެހި ކޮންޓްރެކްޓަރުންނަށްވުރެ ކުޑަވެ، ދިވެހި ކޮންޓްރެކްޓަރުންނަށް އޮތް ހަމަހަމަކަން ވަނީ ގެއްލިފައެވެ.
ދިވެހި ކޮންޓްރެކްޓަރުންނަށް އޮތް މި ފަރަގު ނައްތާލުމުގެ ގޮތުން، ބޭރު ކޮންޓްރެކްޓަރުންގެ އަތުން ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ނަގާ މިންވަރު އަލުން %10 އަށް ބޮޑުކުރުމަށް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.