ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނުކުންނަ މިންވަރު އިތުރުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ކުމެވި"ގެ ނަމުގައި 600 މިލިއަން ރުފިޔާގެ ޚާއްޞަ އެސްއެމްއީ އިމްޕެކްޓް ފަންޑެއް ސަރުކާރުން ޤާއިމުކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، މި ފަންޑު ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، އިޤްތިޞާދީ ފުރުޞަތުތައް އިތުރުކޮށް ޒުވާނުންނަށް އާމްދަނީ ލިބޭނެ އިތުރު ދޮރުތައް ހުޅުވައިދިނުން ކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ސަރުކާރާއި ދައުލަތުގެ ވިޔަފާރިތަކުގެ ވަޒީފާތަކަށް އެކަނި ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ވިޔަފާރިތައް އުފައްދައި ކުރިއެރުވުމަށް ހިތްވަރު ދިނުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފާއިތުވި އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު އާދަޔާ ޚިލާފަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތައް ވަޒީރު ވަނީ މަޖިލީހާ ޙިއްޞާކުރައްވާފައެވެ.
އެގޮތުން، 2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރު ކުންފުނިތަކުގައި 18،676 މުވައްޒަފުން ތިބިއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް އެ ޢަދަދު 36،729 އަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރު ކުންފުނިތަކުގައި ޖުމްލަ 41،667 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން އަލަށް ތަޢާރަފުކުރި 600 މިލިއަން ރުފިޔާގެ "ކުމެވި" ފަންޑާއެކު، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަން ބޭނުންވާ ގިނަ ޒުވާނުންނަށާއި ކުދި ވިޔަފާރިތަކަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.