ދައުލަތުގެ ބަޖެޓުން މަހަކު ޚަރަދުކުރަމުން އައި 10 މިލިޔަން ރުފިޔާ ސަލާމަތްކުރެވިއްޖެ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދައުލަތުގެ ބަޖެޓުން މަހަކު ޚަރަދުކުރަމުން އައި 10 މިލިޔަން ރުފިޔާ ސަލާމަތްކުރެވިއްޖެ: މާލީ ވަޒީރު

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ޚަރަދުކުރަމުން އައި 10 މިލިޔަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މާލީ ވަޒީރު ވިދާޅުވީ، ދެ ކުންފުނި އެއްކޮށްލުމުގެ ސަބަބުން ކޮންމެ މަހަކު ސަލާމަތްކުރެވޭ 10 މިލިޔަން ރުފިޔާއަކީ މީގެކުރިން ރީޖަނަލް އެއާޕޯޓްސްގެ ހިންގުމުގެ ޚަރަދުތަކަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން ސީދާ ދޫކުރަމުންދިޔަ ފައިސާ ކަމަށެވެ. މި ބަދަލާއެކު ދައުލަތުގެ މާލިއްޔާއަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންގެ ޚަރަދާއި ކުންފުނި ހިންގުމަށް ޚަރަދު ހަމަޖެއްސުމަށް މަހަކު ޚަރަދުކުރަމުން އައި 10 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވިފައިވޭ. އަދި އެމްއޭސީއެލްގެ އެހީތެރިކަމާއެކު ސަރަހައްދީ އެއަރޕޯޓުތަކުން ލިބޭ އާމްދަނީން އެ އެއަރޕޯޓުތައް ހިންގޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ފަދަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގާ ތަންތަނަށް ހެދުމަށެވެ. އެގޮތުން ސަރަހައްދީ އެއާޕޯޓުތައް އިތުރަށް ތަރައްޤީކޮށް، އެ ތަންތަނުން ލިބޭ އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތައް އެމްއޭސީއެލްއާ ގުޅިގެން ކުރިއަށްދާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން