ސަރުކާރު ހިއްސާވާ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ނުވަތަ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމަށް ކުރާ މަސައްކަތުގެ ތެރެއިން، ސިޔާސީ ފިކުރަށް ބަލައިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މަޖިލީހުގެ މެންބަރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް އިންޒާރުދީ، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ނުވަތަ އެ މީހަކު ފާޅުކުރާ ސިޔާސީ ޚިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމަކީ ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް އެންގުމެއް މާލީ ވުޒާރާއިން ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް އަންގާފައި ނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ އިދާރާގެ ހައިސިއްޔަތުން، ކުންފުނިތަކަކީ މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ތަންތަންކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު މާލީ ވުޒާރާއަށް އޮންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް ތަފާތު އެކި ފަހަރުމަތިން އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިފަދަ ޕޮލިސީ ޑައިރެކްޝަންތައް ފިޔަވައި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމާއި ވަކިކުރުމާއި އަދި މިފަދަ އެނޫންވެސް ކުންފުނީގެ ދުވަހުން ދުވަހަށް ހިންގުމާ ގުޅޭ އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް މިނިސްޓްރީގެ ފަރާތުން އަންގާފައިނުވާނެ ވާހަކަ ދަންނަވަން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކުންފުނިތަކުގެ ދުވަހީ ހިންގުމުގެ ކަންކަމުގެ ތެރެއަށް މާލީ ވުޒާރާއިން ނުވަންނާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.