50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލާ ބިލު ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލާ ބިލު ފާސްކޮށްފި

50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް، ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް މި އިޞްލާޙު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. މަޖިލީހަށް މި ބިލު ބަލައިގަތުމަށްފަހު، ބިލު އިތުރަށް ދިރާސާކޮށްފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. އަދި ކޮމިޓީން ނިންމި ގޮތަށް މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 65 މެންބަރުންގެ ވޯޓާއެކު އޮގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ.

މަޖިލީހުން ފާސްކުރި މި އިސްލާހުގައިވާ ގޮތުން، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން 2 ރުފިޔާގެ ފީ ނެގުން ހުއްޓާލެވޭނެއެވެ.

މި ޤާނޫނަށް މީގެ ކުރިން އަމަލުކުރަމުން އައިއިރު، ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީ ނެގުން އިސްތިސްނާވަނީ ވަރަށް މަދު އަދި ހަނި ހާލަތްތަކެއްގައެވެ. ނަމަވެސް، މަޖިލީހުން މިއަދު ގެނައި މި އިސްލާޙާއެކު، ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކޮތަޅުބޮނޑި ގަތުމުގައި ލުއިތަކެއް ލިބިގެންދާނެ ނަމަވެސް، ޕްލާސްޓިކް ކޮތަޅުން ފީ ނަގައިގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިއަދު އޮންލައިން