މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.
އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން ކުރިއަށްގެންދިޔަ އެތެރޭގެ ތަހުގީގުން މި އަމަލު ހިންގާފައިވަނީ ކުންފުނީގެ މުވައްޒަފެއްކަން ކަށަވަރުވުމާ ގުޅިގެން، ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޓެކްސީ އެޕްލިކޭޝަންގެ ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނެސް މައުލޫމާތު ލީކުކުރި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅީ މިކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށާއި، ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
މީގެއިތުރުން، ދިވެހި ސަރުކާރާއި، ހިއްސާދާރުންނާއި، ކަސްޓަމަރުންގެ އިތުރުން ވިޔަފާރީގެ އެންމެހައި ބައިވެރިން އެމްޓީސީސީއަށް ކުރަމުންދާ އިތުބާރަށް އެ ކުންފުނިން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިގެން މިވީ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާއި އެއްބާރުލުން އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ އަބަދުވެސް އަމާޒަކީ ކަނޑައެޅިފައިވާ ހެޔޮ އަގުތަކެއްގައި، ވީހާވެސް ލުއިފަސޭހަކަމާއެކު އިތުބާރު ހުރި ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.