ނޭޝަނަލް ޕޭމަންޓް ސްވިޗް ގާއިމުކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ނޭޝަނަލް ޕޭމަންޓް ސްވިޗް ގާއިމުކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖޭގެ މާލީ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގެ މަގުސަދުގައި "ނޭޝަނަލް ޕޭމަންޓް ސްވިޗް" އެއް ގާއިމުކުރުމަށްޓަކައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ރިއާޔަތްކޮށް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމުކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ. މީގެ އިތުރުން ގައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވާނަންސް އަދި މޮނިޓަރިން ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަކީވެސް މި އިސްލާހުގެ މުހިންމު މަގުސަދެކެވެ.

މި ބިލުގައި ގާނޫނަށް އަލަށް އިތުރުކުރަން ހިމަނާފައިވާ މާއްދާތަކުގެ ތެރޭގައި، ގައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ "ނޭޝަނަލް ޕޭމަންޓް ސްވިޗް" ގެ ގޮތުގައި ކަނޑައެޅުމުގެ ފުރިހަމަ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ އެހެނިހެން ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ މާލީ މުއާމަލާތްތަކުގެ ތެރެއިން، މަރުކަޒީ ބޭންކުން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް އަދި ރޫޓްކުރަން ވާނީ ނޭޝަނަލް ޕޭމަންޓް ސްވިޗެއްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގެ ތެރެއިން ކަމަށްވެސް މަޖިލީހުން ފާސްކުރި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން