ގދ. ފަރެސްމާތޮޑާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުން 18 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި ބިޔަ މަޝްރޫއަކީ ސަރުކާރުން 142.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާއިން 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ އިތުރުން، އަލަށް ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން، އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމާއި ގެދޮރުވެރިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.