ދަތުރުވެރިންނަށް ލުއިފަސޭހަ ގިނަ ޚިދުމަތްތަކަކާއެކު މޯލްޑިވިއަންއިން "ޖާރނީ ޕްލަސް" ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 33ސ
ދަތުރުވެރިންނަށް ލުއިފަސޭހަ ގިނަ ޚިދުމަތްތަކަކާއެކު މޯލްޑިވިއަންއިން "ޖާރނީ ޕްލަސް" ތަޢާރަފުކޮށްފި

ޤައުމީ އެއާލައިން، މޯލްޑިވިއަންއިން ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ލުއިފަސޭހަތަކާއި ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި "ޖާރނީ ޕްލަސް" ގެ ނަމުގައި ޚާއްޞަ ޚިދުމަތްތަކެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި މި ޚިދުމަތަކީ ދަތުރުވެރިންގެ ބޭނުންތަކަށް ބަލައި، އެމީހަކު ބޭނުންވާ ގޮތަކަށް ދަތުރުގެ ކަންކަން ބައްޓަންކުރުމަށް (ޕާސަނަލައިޒް ކުރުމަށް) ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އިޚްތިޔާރީ ގޮތެއްގައި ގަނެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތްތަކެކެވެ. މީގެ ތެރޭގައި ޕްރިއޯރިޓީ ޚިދުމަތްތަކާއި، އިތުރު ލަގޭޖާއި، ލައުންޖް އެކްސެސް، ކެބިން އަޕްގްރޭޑް އަދި ދުރާލާ ކާބޯތަކެތި އޯޑަރުކުރުމުގެ ފުރުޞަތު ހިމެނެއެވެ.

"ޖާރނީ ޕްލަސް" ގެ ދަށުން ތަޢާރަފުކުރެވުނު މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

ޖާރނީ ޕްލަސް ޕްރީމިއާ: އެތެރޭގެ އުދުހުންތަކުން ދަތުރުކުރާ ފަރާތްތަކަށް ޕްރިއޯރިޓީ ޗެކް-އިން އަދި ބެގޭޖް ހޭންޑްލިންގ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް ޕްރިއޯރިޓީ ބޯޑިންގގެ ޚިދުމަތް ލިބޭނެއެވެ. މި ޚިދުމަތް އެތެރޭގެ އުދުހުންތަކުގައި 249 ރުފިޔާއަށް އަދި ބައިނަލްއަޤްވާމީ ދަތުރުތަކުގައި 25 ޑޮލަރަށް ބައްލަވައިގަނެވޭނެއެވެ.

ޖާރނީ ޕްލަސް ބޭގްސް: ދަތުރުވެރިންނަށް ދުރާލާ ހެޔޮ އަގުގައި އިތުރު ބެގޭޖް ގަތުމުގެ ފުރުޞަތު މި ޕެކޭޖުގެ ދަށުން ލިބިގެންދެއެވެ. އެގޮތުން ޑޮމެސްޓިކް ދަތުރުތަކުގައި 3 ކިލޯ، 6 ކިލޯ، 9 ކިލޯ އަދި 12 ކިލޯއާ ހަމައަށް އެޑް-އޯން ގަނެވޭއިރު، ފެށޭ އަގަކީ 150 ރުފިޔާއެވެ. ބައިނަލްއަޤްވާމީ ދަތުރުތަކުގައި 5 ކިލޯ، 10 ކިލޯ އަދި 15 ކިލޯއާ ހަމައަށް އިތުރު ބެގޭޖް ގަނެވޭނެ ކަމަށާއި، މި ޚިދުމަތް ފެށޭނީ 25 ޑޮލަރުން ކަމަށް އެ އެއާލައިނުން މަޢުލޫމާތުދެއެވެ.

ޖާރނީ ޕްލަސް ރީލެކްސް: މޯލްޑިވިއަންގެ ކަނޑައެޅިފައިވާ ލައުންޖްތަކުގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދޭ މި ޚިދުމަތުގެ ދަށުން، މާލޭގެ މޫމިނާ ލައުންޖު އަދި ދަރަވަންދޫ އެއާޕޯޓުގެ ލައުންޖުން ޚިދުމަތް ލިބޭނެއެވެ. މި ޚިދުމަތުގެ އަގު ފެށެނީ 300 ރުފިޔާއިންނެވެ.

ޖާރނީ ޕްލަސް އަޕްގްރޭޑް: ބައިނަލްއަޤްވާމީ ދަތުރުތަކުގައި ސީޓްގެ ޖާގަ އޮތް މިންވަރަކުން އެކޮނޮމީ ކްލާހުން ބިޒްނަސް ކްލާހަށް ސީޓް ބަދަލުކުރުމުގެ ފުރުޞަތު މި ޚިދުމަތުގެ ދަށުން ލިބިގެންދާނެއެވެ.

ޖާރނީ ޕްލަސް ބައިޓްސް: އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން، ދުރާލާ އޯޑަރުކޮށްގެން ބޯޓުމަތިން ލިބިގަނެވޭނެ ލުއިކާނާ އަދި ބުއިންތަކުގެ ޕެކޭޖެކެވެ.

މޯލްޑިވިއަންއިން ވިދާޅުވި ގޮތުގައި "ޖާރނީ ޕްލަސް" ގެ މި ޚިދުމަތްތައް އެ އެއާލައިންގެ ކޯލް ސެންޓަރު، ވައިބަރ، ވަޓްސްއެޕް، ޓިކެޓިންގ އޮފީސްތައް އަދި ސޭލްސް އެޖެންޓުން މެދުވެރިކޮށް، ފުރަން ހަމަޖެހިފައިވާ ގަޑީގެ 24 ގަޑިއިރު ކުރިން ބައްލަވައިގަނެވޭނެއެވެ.

މީގެ އިތުރުން، ދަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މި މަޝްރޫޢުގެ ދެވަނަ މަރުޙަލާއެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި، އެ މަރުޙަލާގައި ސީޓް ސިލެކްޝަން ފަދަ އިތުރު ލުއިފަސޭހަތައް ތަޢާރަފުކުރެވިގެންދާނެ ކަމަށްވެސް އެ އެއާލައިނުން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން