ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންނަށް މިދިޔަ މަހު 17 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންނަށް މިދިޔަ މަހު 17 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ދީފި

ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް އެހީވުމުގެ ގޮތުން މިދިޔަ މަހު 17 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މުޖުތަމަޢުގައި އެކި ސަބަބުތަކާ ހުރެ މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެންސްޕާއިން އަންނަނީ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ބަފައިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކުދިން ބެލެހެއްޓުމުގައި ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެންސްޕާއިން ޢާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެކަނި ދަރިން ބަލަހައްޓާ 3،313 މައިން ނުވަތަ ބަފައިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ ޖުމްލަ 5،687 ކުޑަކުދިންނެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މިދިޔަ މަހު އެކަނިވެސް އަލަށް 112 މީހަކާއި، 207 ކުއްޖަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ހުރިހާ ފަރާތްތަކަށް އެހީގެ ގޮތުގައި މިދިޔަ މަހު އެންސްޕާއިން ޖުމްލަ 17،061،000 (ސަތާރަ މިލިއަން ފަސްދޮޅަސް އެއްހާސް) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެއިތުރުން، ފަޤީރު ޙާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހުން ބަލަހައްޓަމުންދާ ޔަތީމު އަދި ނިކަމެތި ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް މިދިޔަ މަހު އެހީ ދިން ގޮތުގެ ތަފްސީލު ވެސް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، މި ބައިން މިދިޔަ މަހު 98 ބެލެނިވެރިއެއްގެ ދަށުގައި ތިބި 132 ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިކަމަށް ޖުމްލަ 181،000 (އެއްލައްކަ އަށްޑިހަ އެއްހާސް) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މިފަދަ އެހީތަކަކީ ނިކަމެތި ޙާލަތުގައި ތިބި ޢާއިލާތަކާއި ކުޑަކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށާއި، މުޖުތަމަޢުގައި އެފަދަ ފަރާތްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ދެމުންގެންދާ މުހިންމު އެހީތަކެކެވެ.

މިއަދު އޮންލައިން