ރާއްޖޭގެ ރަސްމީ ރިޒާވު 638 މިލިޔަން ޑޮލަރަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރާއްޖޭގެ ރަސްމީ ރިޒާވު 638 މިލިޔަން ޑޮލަރަށް!

ނިމިދިޔަ ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވު 638 މިލިޔަން އެމެރިކާ ޑޮލަރަށް ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޒާވް ޑޭޓާ ޓެމްޕްލޭޓަށް ބަލާއިރު، ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރަސްމީ ރިޒާވުގައި ހުރީ 638.03 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަސް ކަމަށްވާ ޖޫން މަސް ނިމުނުއިރު ހުރި 686.83 މިލިޔަން ޑޮލަރާ އަޅާބަލާއިރު 48.8 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ރިޒާވްގެ އަދަދާ އަޅާބަލާއިރު މިއީ 136.47 މިލިޔަން ޑޮލަރުގެ ދަށްވުމެއްކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.

ރަސްމީ ރިޒާވް ދަށްވުމާއެކު، ރާއްޖެއަށް ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުންނަ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވްގެ މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 248.9 މިލިޔަން ޑޮލަރު ހުރި ނަމަވެސް، ޖުލައި މަސް ނިމުނުއިރު މި އަދަދު ވަނީ 221.8 މިލިޔަން ޑޮލަރަށް ވެއްޓިފައެވެ. މިއީ އެއް މަސްދުވަހުގެ ތެރޭގައި 27.1 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.

މި އަހަރުގެ މާރިޗު މަހު ރާއްޖޭގެ ރިޒާވް 1.3 ބިލިޔަން ޑޮލަރުގައި ހުރުމަށްފަހު، މިހާރު 638.03 މިލިޔަން ޑޮލަރަށް ދަށްވެފައިވާ މައިގަނޑު ސަބަބަކީ ބޭރުގެ ބޮޑެތި ދަރަނިތަކެއް ދައްކަން ޖެހުމެވެ. އެގޮތުން ވޭތުވެދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިޔަން ޑޮލަރުގެ ބޮޑު ސުކޫކު އެއްކޮށް އަނބުރާ ދައްކައި ހަލާސްކުރުމާ ގުޅިގެން ރިޒާވުން ބޮޑު އަދަދެއް ވަނީ ހޭދަވެފައެވެ.

މިއަދު އޮންލައިން