ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ކެފޭއަކާއި ފިހާރައެއް "އެމްޕަވަމަންޓް ހަބް" ގައި ހުޅުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ކެފޭއަކާއި ފިހާރައެއް "އެމްޕަވަމަންޓް ހަބް" ގައި ހުޅުވަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން، އެފަދަ ކުދިން އަމިއްލައަށް ބަލަހައްޓައި ހިންގާ ކެފޭއަކާއި ފިހާރައެއް "ކޮމިއުނިޓީ އެމްޕަވަމަންޓް ހަބް" ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ވަޒީފާގެ ހުނަރުތައް ދަސްކޮށް ތަރައްޤީކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިންގާ ކެފޭއަކާއި ފިހާރައެއްވެސް އެތަނުގައި ހުންނާނެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި މަޢުލޫމާތުދެއްވަމުން އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވީ "ކެފޭ ހިންގާ، ޚިދުމަތްދީ، ހިސާބުކިތާބު ބެލެހެއްޓުމުގެ ކަންކަން ކުރާނީވެސް އެކުދިން. ރީޓެއިލް ފިހާރައެއްވެސް ހިންގާނެ. ކުދިންގެ މަސައްކަތްތަކާއި އަރޓްވޯކް ފަދަ ތަކެތި ހުންނާނެ." ކަމަށެވެ.

މިއީ ރާއްޖޭގައި މުޅިން އަލަށް ކުރިއަށްގެންދާ އަދި ވަރަށް އުއްމީދީ މަސައްކަތެއްކަމަށްވެސް ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވިއެވެ. މި ހަބުގައި ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާއާއި، ރީޓެއިލް މަސައްކަތުގެ ތަމްރީނާއި، އައިޓީ ދާއިރާގެ ތަމްރީނުތައް ހިމެނެއެވެ. އަދި އަތްތެރި މަސައްކަތް ފަދަ އެކި ފަންނީ ހުނަރުވެރިން ބިނާކުރުމުގެ ގޮތުން ތަފާތު ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.

މި މަރުކަޒު ޤާއިމުކުރަނީ، ހުޅުމާލެ ފޭސް 2ގެ އަމާން އުދަރެސް 7 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައެވެ. ސެންޓަރުގެ މަސައްކަތް ފެށީ، ޖަނަވަރީ މަހުއެވެ.

މިއަދު އޮންލައިން