ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ފަށްޓަވާފައިވާ "ރަސްމާލެ" ހިއްކުމުގެ ބިޔަ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާ) އިން ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ވެސް ބޯހިޔާވަހިކަމަށްޓަކައި ހިންގޭ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި މި މަޝްރޫޢު ނިމިގެންދާއިރު، ގާތްގަނޑަކަށް 65,000 ހައުސިންގ ޔުނިޓް (ގެދޮރު) ކަށަވަރުވެގެންދާނެއެވެ. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ޒަމާންވީ ދާއިމީ ޙައްލެއް ގެނެސްދިނުމަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ކުރިއަށް ގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަޝްރޫޢުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއްނެތި ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 556.54 ހެކްޓަރުގެ ބިން ވަނީ އެއްކޮށް ހިއްކާ ނިންމާފައެވެ. މިއީ މުޅި މަޝްރޫޢުގެ 55.16 އިންސައްތައެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ "ރަސްމާލެ" ވެގެންދާނީ ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާއި، ތިމާވެއްޓާ ރައްޓެހި 'އީކޯ ސިޓީ' އެއްގެ ގޮތުގައި ތަރައްޤީކުރެވޭ ރަށަކަށެވެ.

މިއަދު އޮންލައިން