ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ސެންޓަރ އޮޕަރޭޓިންގ ޓޫލެއްގެ ގޮތުގައި "މޯލްޑިވްސް 2.0" ބޭނުންކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ސެންޓަރ އޮޕަރޭޓިންގ ޓޫލެއްގެ ގޮތުގައި "މޯލްޑިވްސް 2.0" ބޭނުންކުރަނީ

ތިލަފުށީގައި އަލަށް ގާއިމުކުރެވޭ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ސެންޓަރ އޮޕަރޭޓިންގ ޓޫލެއްގެ ގޮތުގައި "މޯލްޑިވްސް 2.0" ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ ވަރަށް ދުރަށް ވިސްނައިގެން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށެވެ. އެގޮތުން، ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި އެ މަސައްކަތްތަކާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ އޮޕަރޭޝަންތައްވެސް އެއްފަސްވެ، ތިލަފުށްޓަށް ބަދަލުވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މިހާރު މާލޭގެ ވިޔަފާރި ބަނދަރުގައި ހިންގާ އޮޕަރޭޝަންތަކުގެ ގާތްގަނޑަކަށް %80 ތިލަފުށްޓަށް ބަދަލުކުރެވިގެންދާއިރު، ބޭރުގެ ބޮޑެތި ޒަމާނީ ޕޯޓުތަކެކޭ އެއްގޮތަށް ތިލަފުށީ ޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މުޅި ބަނދަރުގެ ސެންޓަރ އޮޕަރޭޓިންގ ނިޒާމު އެއްކޮށް ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީއަށް ބަދަލުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ:"މި ސިސްޓަމް ގާއިމްކުރުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދަކީ ޕޯޓު ޒަމާނީ ފެންވަރުގައި ހެދޭއިރުގައި ޕޯޓު ހިންގާ ސޮފްޓްވެއަރ މިހުރިހާ ކަމަކީވެސް ސީމްލެސްކޮށް ހިންގާނެ ކަމެއްގެ ގޮތުގައި ހެދުމަށް 2.0 ބޭނުންކުރުމަށް. މާނައަކީ ސެންޓަރ އޮޕަރޭޓިން ޓޫލްއަކަށް މޯލްޑިވްސް 2.0 ހެދުމަށް. އަދި 2.0ގެ ތެރޭގައި މުޅި ގަވަރނެންސާއެއްކޮށް މިކަން ގުޅުވާލުން."

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ޕޯޓުގެ އޮޕަރޭޝަންތައް ތިލަފުށްޓަށް ބަދަލުކުރުމަށް ހިންގޭ ބިޔަ މަޝްރޫޢުގެ ދަށުން، އެތަނުގެ އިންޓަރނޭޝަނަލް ކީވޯލް ގާތްގަނޑަކަށް 1.2 ކިލޯމީޓަރަށް ދަމާލެވިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އެއްފަހަރާ ބައިނަލްއަޤްވާމީ 3 ނުވަތަ 4 މުދާ އުފުލާ ބޯޓަށް ފަސޭހަކަމާއެކު ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހި، ތިލަފުށީގެ ބަނދަރު ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގެ ފުރިހަމަ ޕޯޓަކަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން