ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް ޖީއެސްޓީ ނެގޭ ގޮތަށް "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި ބިލު ބަލައިގަތުމަށް ފެންނަކަމަށް 70 މެންބަރަކު ވޯޓު ދެއްވި އިރު، ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މެންބަރުންގެ އަޣުލަބިއްޔަތުން މި ބިލު ބަލައިގަތުމާ ގުޅިގެން، ބިލު އިތުރަށް ދިރާސާކުރުމަށް މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރަން ފެށުމަށްޓަކައި، ރާއްޖެއިން ބޭރުގެ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ކަނޑައެޅުމެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދައި، އެ ނިޒާމު އިތުރަށް ހަރުދަނާކުރުމަކީވެސް މި ބިލުގެ މަގުސަދެކެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުން އަދި އޯވަސީސް ޓްރެވަލް އެޖެންޓުންނަކީ ރާއްޖޭގައި ގާއިމުވެ ތިބޭ ބައެއް ނޫން ކަމުން، އެ ފަރާތްތަކުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ފައިސާ ދައްކަން ފަށާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅިގެން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ.
މި ބިލާއެކު ސަރުކާރުން ވަނީ މި އިސްލާހުތައް ތަންފީޒުކުރަން ފެށުމުން ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާއެއްވެސް ހާމަކޮށްފައެވެ. އެގޮތުން، އޯވަސީސް ޓްރެވަލް އޭޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާއާއެކު، އަހަރަކު ޖުމްލަ 1.6 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ނިޒާމު ތަންފީޒުކުރުމަށްޓަކައި މީރާއިން އެއްފަހަރާ ކުރަންޖެހޭ (ވަން އޮފް) ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި މުވައްޒަފުންނާއި އިދާރީ ކަންކަމަށް އަހަރަކު 5.1 މިލިއަން ރުފިޔާގެ ރިކަރަންޓް ހަރަދެއް ހިނގާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މި ހަރަދުތަކާ އަޅާބަލާއިރު ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.
މި ބިލުގައިވާ ގޮތުން މި އިސްލާހުތަކަށް އަމަލުކޮށް، ބޭރުގެ ފަރާތްތަކުން ޖީއެސްޓީ ނަގަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.