ގއ. އަތޮޅު ކައިރިއަށް ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާގައި މީހުންނާއި މުދާ ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އަމަލީގޮތުން ހަރަކާތްތެރިވި ފުލުހުންނާއި، ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ބައްދަލުކުރައްވައިފިއެވެ.
އޯގަސްޓް 12 ވަނަ ދުވަހު ވަޒީރާއި ކޮމިޝަނަރ އޮފް ޕޮލިސް ގއ. ވިލިނގިއްޔަށް ކުރެއްވި މި ޒިޔާރަތުގައި، އެ ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ހާދިސާގެ މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން ދޯނިން މީހުންނާއި މުދާ ސަލާމަތްކުރުމަށްޓަކައި ފުލުހުން ކުރެއްވި ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކުރައްވައި ސާބަހާއި ހިތްވަރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މީހުންނާއި މުދާ ސަލާމަތްކުރުމަށް މަސައްކަތްކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢު އާއި، ސިފައިންގެ ބޭކަލަކާއި އަދި ދޯނީގެ ކެޕްޓަން ގެއްލުމުގެ ފުން ހިތާމައިގައި ސަރުކާރުން ފުރިހަމައަށް ބައިވެރިވާ ކަމަށެވެ. އަދި މި ނުރައްކާތެރި ހާދިސާގައި ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ޤައުމީ ޚިދުމަތުގެ ނަމޫނާ މަސައްކަތްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި، މި ދަތުރުގެ އެންމެ މުހިންމު އެއް ބޭނުމަކީ މި ހިތާމަވެރި ދަނޑިވަޅުގައި ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރައްވައި ތަޢުޒިޔާ ވިދާޅުވުމާއި، ހާދިސާގައި ޢަމަލީގޮތުން ބައިވެރިވި ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ ހާލަތު ބައްލަވައިލެއްވުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަންތައް ކަމުގައި ފާހަގަކުރައްވައި، ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ހުރިހާ ކޮމާންޑަރުންނަށާއި އިސް އޮފިސަރުންނަށް މިހާރު އިރުޝާދު ދެއްވާފައިވާނެ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ހާދިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ހުއްޓުމެއްނެތި ކުރިއަށްދާކަން ފާހަގަކުރައްވަމުން، ޚާރިޖީ ވުޒާރާ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ކޮމިޝަނަރ ވަނީ އެ ސްޓޭޝަންގެ ފުލުހުންނާ ހިއްސާކުރައްވާފައެވެ.