ޤައުމީ ދުވަހުގެ ހަރަކާތްތަކަށް މަޖިލީހުގެ ރައީސް ބާރަށަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ކިޔައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޤައުމީ ދުވަހުގެ ހަރަކާތްތަކަށް މަޖިލީހުގެ ރައީސް ބާރަށަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ކިޔައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ތިލަދުންމަތީ އުތުރުބުރީ ބާރަށަށް މިއަދު ވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް ބާރަށަށް ކުރައްވާ މި ދަތުރުފުޅަކީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ރަށުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަސްމީ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބާރަށަށް ފައިބައިވަޑައިގެންނެވުމާއެކު، އެ ރަށުގެ ބަނދަރު ސަރަހައްދުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން ބާރަށު ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާރަށުގައި ކުލަގަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ބާރަށަކީ ޤައުމީ ބަޠަލު އައްސުލްޠާން މުޙައްމަދު ތަކުރުފާނު އަޢުޡަމް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވުމަށްޓަކައި ބަނދެފައިވާ "ކަޅުއޮށްފުންމި" ބަނުމުގައި ތާރީޚީ ގޮތުން ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ރަށެކެވެ.

މިއަދު އޮންލައިން